ހަންގަނޑަށް އެކި ކަހަލަ މައްސަލަތައް ދިމާވާ ކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާ އެކެވެ. މިއީ ބައެއް ފަހަރު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިމާވާ މައްސަލަތަކަށްވެސް ވެދާނެ އެވެ. އެހެންކަމުން ހަންގަނޑަށް ގެއްލުންވާ ކަހަލަ އާދަތަކުން ދުރުވާން ޖެހެ އެވެ.

ގިނައިރު ފޯނުން ވާހަކަ ދެއްކުން

ދިރާސާތަކުން ދައްކާ ގޮތުން ފާހާނާ ތަށީގައި ބެކްޓީރިއާ ހުންނަ މިންވަރަށް ވުރެ އިތުރަށް އަޅުގަނޑުމެން ބޭނުންކުރާ ފޯނު ތަކުގައި ޖަރާސީމު ހުރެ އެވެ. އެހެންކަމުން ފޯނުން ވާހަކަ ދައްކާ އިރު ފޯނުގައި ހުންނަ ޖަރާސީމުތައް މޫނުގެ ހަންގަނޑަށްދެ އެވެ.

އެހެންކަމުން ޓިޝޫ އެއް ނުވަތަ މަޑު ފޮތިކޮޅަކުން ކޮންމެ ދުވަހަކުވެސް ފޯނު ސާފު ކުރަން ހަނދާން ބަހައްޓާށެވެ. އަދި ގިނަގިނައިން އަތްވެސް ދޮންނަން އާދަ ކުރާށެވެ.

ގަޑިން ގަޑިއަށް ނުކެއުން

ގިނަ މީހުންނަކީ ދުވާލަކު ދެ ފަހަރު ކައިގެން އުޅޭ މީހުންނެވެ. ވަގުތު ނުވާތީ އެވެ. ނަމަވެސް ކާނާ އަކީ ހަށިގަނޑަށް ބާރު ލިއްބއިދީ ހަންގަނޑުގެ ތާޒާ ކަންވެސް ދަމަހައްޓައިދޭ ވަސީލަތެވެ. ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނަށް ވީއިރު، ގަޑިން ގަޑިއަށް ނުކާނަމަ އެކަމުގެ ގެއްލުން ހަންގަނޑަށް ކުރާ މިންވަރުވެސް ބޮޑުވެ އެވެ. އެކަށީގެންވާ ވިޓަމިން ހަންގަނޑަށް ނުލިބޭ ނަމަ، ހަމުގައި ހުންނަ ތާޒާ ކަމާއި ރީތިކަން ގެއްލޭނެ އެވެ.

.ކަސްރަތު ނުކުރުން

ކަސްރަތު ނުކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ތިމާގެ ހިތާއި ބަރުދަނަކަށް ނޫނެވެ. ކަސްރަތުގެ ސަބަބުން ލޭ ހޮޅިތައް މެދުވެރިކޮށް ހަންގަނޑަށް އޮކްސިޖަން އާއި ކާނާ ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދެ އެވެ. އަދި ސްޓްރެސް އިން ދުރުކޮށްދީ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ނަމަވެސް ކަސްރަތު ކުރާ އިރުވެސް ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން މޭކަޕް ކޮށްގެން ހުރެ ކަސްރަތު ނުކުރުމާއި، ކަސްރަތުކޮށް ނިމުމަށްފަހު މޫނު ދޮވެ ފެންވެރުން ފަދަ ކަންކަން ހިމެނެ އެވެ. ނޫންނަމަ ހަންގަނޑަށް ގެއްލުން ވާނެ އެވެ.

ހޫނު ފެނުން ފެން ވެރުން

ހޫނު ފެނުން ފެންވަރާލުމަކީ މީހާއަށް ތާޒާކަމެއް ލިބިދޭ ކަމެއް ނަމަވެސް ހަންގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. ހޫނުގެ ސަބަބުން ހަމުގައި ހުންނަ ގުދުރަތީ ތެޔޮކަން ކަނޑުވައިދެ އެވެ. ހޫނު ފެނުގެ ނޭދެވޭ އަސަރުން ހަންގަނޑު ސަލާމަތް ކުރުމަށް 10 މިނެޓަށް ވުރެ ގިނަ އިރު ފެން ނުވަރާށެވެ. އަދި ފެންވަރާ ނިމުމުން މަޑު ތުވާއްޔަކުން ފެން ހިއްކުމަށްފަހު ހަށިގަނޑު މޮއިސްޗުރައިޒް ކޮށްލާށެވެ.

މާ ގިނައިން ހަކުރު ބޭނުން ކުރުން

ހަކުުރުގެ މިންވަރު އިތުރުވުމުގެ ސަބަބުން ބިހިނެގުމާއި، ލަކުނު ލުން ކަހަލަ ކަންކަން ކުރިމަތިވެ އެވެ. އެއީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އަދި ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވާ ނަމަ ހަންގަނޑުގައި ރޫޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެން ދެ އެވެ. އެހެންކަމުން ކެއުމުގައި ފޮނިކާ އެއްޗެހި ބޭނުންކުރާ މިންވަރު މަދުކުރުން ބުއްދިވެރި އެވެ.

މޫނުގައި ހުންނަ ބިހި ކޮށްޓުން

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ބިއްސެއް ކޮށްޓާލުމުން ފަސޭހައިން އެ ބިހި ފިލައިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް މޫނުގައި ހުންނަ ބިހި ކޮށްޓުމުގެ ސަބަބުން ހަންގަނޑުގެ ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު ބޮޑުވެ އެވެ.

އެކަށީގެންވާ ވަރަށް ނިދި ނުލިބުން

ރަނގަޅަށް ނުނިދާ ގިނަ ދުވަސްވާނަމަ، ހަންގަނޑު ހަލާކުވާގޮތް ވެ އެވެ. އެކަށީގެންވާ ނިދި ނުލިބޭ ނަމަ ލޯ ކައިރި ކަޅުވެ، ހަންގަނޑުގެ ތާޒާކަން ގެއްލި އުމުރަށް ވުރެ ހަންގަނޑި ދުވަސްވެފައިވާ ކަމަށް ދައްކާނެ އެވެ.