ހުޅުމާލޭގައި ހަދަން ފަށާފައިވާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ.

އެނގިފައިވާ ގޮތުގައި މަންޑޭ ހައްޔަރުކުރަން އަމުރު ނެރުނީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ހައްޔަރުކުރަން އަމުރެއް ނެެފައި މިވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ބާތިލްކުރުމާ ގުޅިގެންނެވެ. އެ އަމުރުކުރީ 45 ދުވަހަށް އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށެވެ.

ކޭ ޕާކް ފްލެޓްތަކުގެ މައްސަލައިގައި މަންޑޭއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ހަމްބޯ ކުންފުނިން މީގެ ކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ.

ސައުތުު ކޮރެއާގެ ހަންބޯ ކުންފުނީގެ ފަރާތުން ޖޮންގް ވޫ ކިމް ސޮއިކޮށް ނެރުނު ބަޔާނުގައި ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން މަންޑޭ ވިއްކާފައިވާ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެތައް ބަޔަކަށް ނުއަގުގައި ފްލެޓް ވިއްކާފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ކަސްޓަމަރުންނާ ހަވާލާދީ އެ ބަޔާނުގައި ވަނީ ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށެވެ.

ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާއިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ކޭ ޕާކް ރެސިޑެންސްގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް މަންޑޭ އާއި ހަންބޯ ކުންފުނީގެ އިސްވެރިއަކު ބަލަނީ.އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި ބޭންކު އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު، އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިގެންނެވެ.

ބީއެމްއެލްގެ ސަމާލުކަމަށް އެކަން ގެނައި އިރު، އެކައުންޓްގައި ހުރި ފައިސާ ވަނީ ނަގާފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވާއިރު، އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ދަރުބާރުގޭގައި އޮތް ހައުސިން ފެއާއެއްގައި ކޭ ޕާކް ރެސިޑެންސްގެ ސްޓޯލްގައި މަންޑޭ އާއެކު ހަންބޯ ކުންފުނީގެ އިސްވެރިއަކާ ވާހަކަދައްކަނީ.ހަންބޯ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ މައްސަލަ ޖެހިގެން އުޅެނީ ކޭޕާކުގެ ލޯކަލް އެޖެންޓް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.