މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ކަމަށް ވަގުތީ ލިސްޓްގައި ބުނެފައިވާ މީހުންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޕްލޭނިންގް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައި ހިމެނޭ، "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުން އެލިސްޓްގައި ހިމެނޭ "ގޯތި ލިބޭ" ފަރާތްތަކާވެސް ޖޮއިންޓްވުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ މީހުން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕްލޭނިން މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިފަ އެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ ޝަކުވާތައް ބެލުމަށްފަހު އެވެ.

މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ސޯލިހު ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމެވި ގޯތިތަކުގެ އަދަދު އިތުރުކުރުމަށް ނިންމެވިކަންވެސް ހާމަކުރައްވާފަ އެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 6200 ގޯތި ދޫކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގުޅިފަޅުން 2000 ގޯތި، ގިރާވަރުފަޅުން 2000 ގޯތި އަދި ހުޅުމާލެފަޅުން 2200 ގޯއްޗެވެ. ސަރުކާރުން ކުރިން ނިންމަވާފައިވަނީ 5000 ގޯތި ދިނުމަށެވެ.