ށ. ކޮމަންޑޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ށ. ކުޑަފަރީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަޑައިގެންނެވި ފުރަތަމަ އަތޮޅު ކަމަށްވާ، ށ. އަތޮޅަށް ވަޑައިގެން އެއަތޮޅު ކޮމަންޑޫ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫން 20 މިނެޓު ތެރޭގައި އެއާޕޯޓަކާ ހަމައަށް ދެވޭނެ ރަށެއް މިހާރު ނޯންނަ ކަމަށެވެ. އަދި ސަރުކާރުގެ އެއް ވައުދަކީ މީހުން ދިރިއުޅޭ ރަށުން 20 މިނެޓު ތެރޭގައި ދެވޭ ވަރަށް އެއާޕޯޓުތައް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮމަންޑޫ ކައިރީގައި އޮންނަ ކުޑަފަރީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.

ރައީސް ވަނީ ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތަފްސީލް ވެސް ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ މިހާރު އަޑު އިވިފައި އޮތް ގޮތުން ނަމަ، ކޮމަންޑޫ އާއި މަތި ކޮމަންޑޫއަކީ ވަކިން އޮންނަ ދެ ރަށް ކަމަށާއި އެކަމަކު، ކުރިއަށް އޮތް ތަނުގައި އެ ދެ ރަށް ގުޅާލާ ތަން ފެންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް ވެސް ސަރުކާރުން ވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ ވައުދުވެފަ އެވެ.