ކޮފީއަކީ އަހަރުމެންގެ މުޖުތަތައުގައި ހުރިހާ އުމުރެއްގެ މީހުން ވެސް ލޯބިކުރާ ބުއިމެކެވެ. މި ބުއިމުން އެކި އުމުރުފުރާގެ މީހުންގެ ސިއްހަތަށް ކުރާ އަސަރު ތަފާތެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުން ކޮފީ ބުއިމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށް ދިރާސާއަކުން ދައްކާފައވެ އެވެ. މި ދިރާސާ އަކީ ޖަރުމަނުގެ ހެއިންރިޗްހޭން ޔުނިވާސިޓީގެ މެޑިކަލް ފެކަލްޓީން ކުރިއަށްގެންދިޔަ ދިރާސާ އެކެވެ.

މި ދިރާސާގައި ދައްކާފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުން، ހާއްސަކޮށް ފިރިހެނުން ދުވާލަކު ހަތަރު ތަށި ކޮފީ ބޯނަމަ ހިތުގެ ސެލްތަކުގެ ފަންކްޝަންތައް ރަނގަޅު ކޮށްދެ އެވެ. ހާޓް އެޓޭކްފަދަ ކަންކަމުން ދުރުކޮށްދެ އެވެ.

އެ ދިރާސާ ކުރި ޓީމުން ބުނެފައިވާގޮތުގައި ޕީ27 ނަމަކަށް ކިޔާ ޕްރޮޓީން އެއް ސެލްތަކުގެ ތެރޭގައި ދައުރުވެ ސެލްތަކުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

މި ދިރާސާ ކުރި ޓީމުގެ އެއް މެމްބަރު ކަމުގައިވާ ޖުޑީތު ހައެންޑެލާ ބުނެފައިވަނީ މި ދިރާސާގެ ސަބަބުން ކެފޭން އިން ލިބޭ އިތުރު ފައިދާއެއް ދެނެގަނެވުނީ ކަމަށެވެ. އަދި ޕީ27 އަކީ އުމުރުން ދުވަސްވީ ފައިދާހުރި، ކޮފީން ލިބިދޭ މާއްދާއެއް ކަމުގައިވެސް ބުނެފައި ވެ އެވެ.

އެހެން ކަމުން އުމުރުން ދުވަސްވާ ވަރަކަށް ދުވަހުގެ ފެށުން ހެނދުނުގެ ކޮފީއަކުން ފެށުމަކީ މުޅިން ގޯސްކަމެކޭ ދެންނެވޭކަށް ނެތެވެ.