ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ފްރޭމް ކުރީ ސިޔާސީ މައިދާނުން އޭނާ ނައްތާލަން ސީދާ އެމްޑީޕީގެ ތެރެއިން ރޭވިގެން ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގަތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތަކެއް އޮއްވާ އަދި އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.
ތިން އަހަރާ ތިން ދުވަސް ފަހުން މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމް ކުރީ ކަމަށާއި އެއީ އޭނާ ސިޔާސީ މައިދާނުން ނައްތާލަން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި އެކަން ކުރި ބަޔަކުވެސް މިހާރު އެނގޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ، އެހެން ނަމަވެސް އެއީ ކޮންބައެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
"އަޅުގަނޑު ނުދަންނަވަން ވަކި ބޭފުޅެއްގެ ނަމެއްވެސް ވަކި ޕާޓިއަކަށް ނިސްބަތްވާ މީހަކު އުޅެދާނެ ދެއްތޯ އޭނަ ކަމެއް ކުރުމަކީ އޭނަގެ ލީޑަރު ޒިންމާ ވާންޖެހޭނެ ކަމެއް ނޫން އެހެންވީމަ ކޮންމެހެން ރައީސް ނަޝީދޭ ވިދާޅުވުމެއްނެތް، ރައީސް ނަޝީދު ވަރަށް ލޯބި ވާނެ އަޅުގަނޑު ދެކެ"
އަލީ ވަހީދު ފްރޭމް ކުރީ ކޮންބައެއްތޯ ތަކުރާރުކޮށް އަދި ވަކި ވަކީން ސިޔާސީ ލީޑަރުންގެ ނަންތައް ވިދާޅުވެ ނޫސްވެރިން ސުވާލު ކުރުމުންވެސް އެއަށް ޖަވާބެއްއް ނުދެއްވާ ވިދާޅުވީ ނަންތައް ހާމަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ މީހުން ރޭވި ރޭވުން ނާކާމިޔާބުވެފައިވާތީ ކަމަށެވެ.
އަލީ ވަހީދު ފްރޭމްކުރީ ރައީސް ނަޝީދުތޯ ސުވާލު ކުރުމުން ވިދާޅުވީ ރައީސް ނަޝީދު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. ރައީސް ޞަލިހާއި ރައީސް ޔާމީންއާއި ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމްގެ ބައިވެރިވުމެއްވެސް އެކަމުގައި ނެތް ކަމަށް ތަކުރާރުކޮށް އަލީ ވަހީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް މައުމޫންގެ ނަން ވިދާޅުވުމުން އަލީ ވަހީދު ވިދާޅުވީ ރައީސް މައުމޫން އިރު އިރު ކޮޅުން ބަޔާނެއް ނެރުއްވާ ކަމަށެވެ. އަދި އަލީ ވަހީދުގެ މައްސަލަ ނެގުމުން އެ މައްސަލަ ނެގުމަކީ ޖިންސީ ގޯނާ ކުރާ މީހުންނަަށް ދިން ހިތްވަރެއް ކަމަށް ބުނެ އެމްއާރުއެމް އިން ބަޔާނެއް ނެރުނެވެ.
"އަޅުގަނޑު ހިތަކު އެކަމެއް ނެތް އެކަމެއް ކާމިޔާބެއް ނުވިއެއް ނޫންތޯ އަދި އެމީހުން ފަހަތުންދާކަށްވެސް ނެތް. އަޅުގަނޑު 35 އަހަރަށް ނައްތާލަން ސިޔާސީ މައިދާނުން ނައްތާލާން ސަރުކާރުގެ ތެރެއިން އެމްޑީޕީގެ ތެރެއިން އިސްވެރޭވިގެން އައި ހަމަލާއެއް މިއީ" އަލީ ވަހީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަމުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ އަތެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ތިން އަހަރަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތްއިރު އޭނާ ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތެވެ. އަދި ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސަބަބެއް ކަމަށް އެ އޮފީހުން ބުނީ އަނިޔާ ލިބުނު ކަމަށް ބުނާ މީހުންނާއި ހެކީން އެ މައްސަލަތައް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނުމެވެ.
ކޯޓުގެ ހުރުމަތް ގަނޑާލި ކަމުގެ ކުށުގައި ދެ މަހަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ވަނީ ބާތިލްކޮށްފަ އެވެ.