ހަނދުގެ ދުނިޔެއާ ދުރު ފަޅިއަށް އުޅަނދެއް ފޮނުވުމަށް މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ކުރި ނާކާމިޔާބު ދަތުރަށް ފަހު ހަނދަށް ފޮނުވާ ދެވަނަ އުޅަނދާއެކު އިންޑިޔާ އިން އިއްޔެ ރޮކެޓެއް އުދުއްސައިލައިފި އެވެ.

"ޗަންދުރިޔާން 3" ފޮނުވައިލީ ސައުތު އިންޑިޔާގެ ސްރިހަރިކޮޓާ ކިޔާ ރަށަކުންނެވެ. ރޮކެޓްގައި ހަނދަށް ފޮނުވާ ރޯވާ އާއެކު ހަނދަށް ޖައްސާނެ އުޅަނދެއް ގެންދިޔަ އެވެ.

ގާތަގަނޑާކަށް މަހެއްހާ ދުވަހުގެ ދަތުރަށް ފަހު އެ އުޅަނދު ހަނދަށް ރޯވާއާ އެކު ތިރި ކުރާނީ އަންނަ އޯގަސްޓް މަހުގެ ފަހުކޮޅު އެވެ.

އިންޑިއާގެ އުޅަނދަށް ކާމިޔާބުކަމާއެކު ހަނދަށް ޖެއްސިއްޖެނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވުން ކާމިޔާބުކުރި ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކާމިޔާބު ކޮށްފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަނާއި ޗައިނާ އިންނެވެ.

އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީ އާ ބެހޭ ޖޫނިއާ މިނިސްޓަރު ޑރ. ޖިތެންދުރަ ސިންގްހް ވިދާޅުވި ގޮތުގައި ޗަންދްރިޔާން 3 ގެ އިން ކުރާނެ މަސައްކަތަކީ ހަނދުގެ ދުނިޔެއާ ދުރު ފަރާތުގެ ބިންގަނޑުގެ ތަހުލީލުތައް ކުރުމެވެ.

ހަނދަށް އުޅަނދެއް ތިރިކުރުމަށް އިންޑިޔާއިން 2019 ވަނަ އަހަރު ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެފަހަރުގެ ދަތުރުގައި ހަދަށް ތިރިކުރަން އުޅުނު އުޅަނދު ހަނދުގެ އޯބިޓަށް ވަނީ ގޮވައިފަ އެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ބުނި ގޮތުގައި އެ އިދާރާގެ ހުރިހާވެސް އަމާޒަކީ ހަނދަށް ސޮފްޓް ލޭންޑިންގެއެއް ކާމިޔާބުކުރުމެވެ.