ކޮވިޑް-19 ގެ އެލަވަންސް ނުލިބޭ ކަމަށް ބުނެ، ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ބައެއް ނަރުހުންނަށް ފިޔަވަޅު އަޅައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ މުޒާހަރާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ސެކްޝަންތަކުގެ އިންޗާޖުންގެ މަގާމް ވަނީ ދަށްކޮށްފައެވެ. އެކަމަކު، ދެން ތިބި ނަރުހުންނާ މެދުގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މި މުޒާހަރާ ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ. މި މުޒާހަރާގައި، ނަރުހުންނާއި، އެޓެންޑެންޓުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މުވައްޒަފަކު ބައިވެރިވެ، އެލަވަންސް ނުލިބިގެން ޝަކުވާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލަށް ބަލާއިރު، މި އެލަވެންސް ދެމުންގެންދަނީ ކޮވިޑާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުންނަށެވެ. އެގޮތުން ހުޅުމާލޭގައި ތިބި ނަރުހުންނަށް ވެސް ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް މެނޭޖްމެންޓުން އެންގި އެވެ. ނަމަވެސް ފަހުން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލޮވެންސް ލިބޭ މީހުންގެ ތެރެއަކު ނުހިމެނެއެވެ. ނަރުހުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ވެސް ބުނެފަ އެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ ވިދާޅުވެފަ އެވެ.