ކުރިއަށް އޮތް ތަނުގައި އާއިލާއަށް ވުރެ ފިލްމީ ދާއިރާގެ މަސައްކަތްތައް އިސް ނުކުރާނެ ކަަމަށް ބޮލީވުޑްގެ ޒުވާން ތަރި އާލިއާ ބަޓް ބުނެފި އެވެ.
އެކްޓަރު ރަންބީރު ކަޕޫރާ ކައިވެނިކޮށް ވަރަށް ފަހުން ދަރިއަކު ލިބިފައިވާ އާލިއާ ބުނީ އާއިލާއަށް ދޭން ޖެހޭ ވަގުތަކީ ދެން އޭނާ ދޫކޮށްނުލާނެ ވަގުތެއް ކަމަށެވެ.
މީގެ ކުރިން އާއިލާއަށްވުރެ މަސައްކަތް އިސްކުރި ޒަމާނެއް ވެސް ދިޔަ ކަމަށް ބުނަމުން އާލިއާ ވަނީ މިހާރު އޭނާގެ "ޕްރައޯރިޓީސް" ބަދަލުވެފައިވާ ކަމަށް ބުނެފަ އެވެ.
ދަރިފުޅު ރަހާ ވިހެއުމަށްފަހު އާލިއާ ފެނިގެންދާ އެންމެ ފުރަތަމަ ފިލްމު " ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި މަހު ބޮޑު ސްކްރީނަށް އަންނާނެ އެވެ.
2012 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި އާލިއާ ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
އެގޮތުން އޭނާ ބުނީ ފިލްމުތަކަށްޓަކައި އޭނާގެ ނިންޖާއި އާއިލީ ދިރިއުޅުން ގުރުބާންކުރި ދުވަސްތައް ފާއިތުވެ ހިނގައްޖެ ކަމަށާއި މިހާރު އޭނާ ބޭނުންވަނީ އާއިލާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ކަމަށެވެ.
އާލިއާއާއި ރަންބީރު 2022 ވަނަ އޭޕްރިލް މަހު ކައިވެނި ކުރިއިރު އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބިފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.