ކަޅުކޮފީ އަކީ އަހަރުމެންގެ ތެރޭގައި އާއްމު ބުއިމެކެވެ. ގިނަ ބަޔަކަށް އޭގެ ރަހަ ކަމުގޮސްގެން އެއަށް ދެވި ހިފި ނަމަވެސް ކަޅުކޮފީގެ ރަހަ ކަމުނުދާ ބަޔަކު ވެސް އުޅެ އެވެ.
މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ހަގީގަތް ސައިންވެރިން ވަނީ ހޯދާފަ އެވެ. އެގޮތުން ކަޅު ކޮފީއަށް ދެވިހިފަނީ ޖެނެޓިކް ވޭރިއަންޓެއްގެ ސަބަބުުން ކަމަށް ދިރާސާއަކުން ވަނީ ދެނެގަނެވިފަ އެވެ.
ނޯތްވެސްޓާން ޔުނިވާސިޓީ ފެއިންބާގްގެ ބައެއް ސައިންސްވެރިން ގުޅިގެން ހެދި އެ ދިރާސާ ހެދުމަށް އެ ޓީމުން ވަނީ އެކި ގޮތަށް ކޮފީ ބޯ މީހުން ބޭނުންކޮށްފަ އެވެ. އެގޮތުން، ވަރަށް ފޮނިކޮށް ކޮފީބޯ މީހުންނާއި ހަމައެކަނި ކަޅުކޮފީ ބޯ މީހުންނާއި ކިރު ނުވަތަ ކްރީމާ އަޅައިގެން ކޮފީ ބޯ މީހުން އެ ދިރާސާގައި ބައިވެރިކުރި އެވެ.
“ނޭޗާ ސައިންޓިފިކް ރިޕޯޓްސް”ގައި ޝާއިރުކޮށްފައިވާ އެ ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކޮފީ ބޯހިތް ވަނީ ނުވަތަ ޗޮކްލެޓް ކާހިތް ވަނީ ކިހިނެއްކަން ނިންމަނީ އެމީހުންގެ ހަށިގަނޑުގައި ހުންނަ ޖެނެޓިކް ވޭރިއެންޓެކެވެ. އަދި އެ ޖެނެޓިކް ވޭރިއެންޓަކީ ހަޖަމުކުރުން އަވަސްކޮށްދޭ އެއްޗެއް ކަމަށް ބުންޏެވެ.
އެގޮތުން އެ ޖެނެޓިކް ވޭރިންޓު ހުންނަ މީހުންނަށް ކަމުދަނީ ހިތި، ކަޅު ކޮފީ އެވެ. އަދި ފޮނި އަދި ކިރު ރަހަލާ ޗޮކްލެޓުގެ ބަދަލުގައި އެމީހުންނަށް ކަމުދަނީ ޑާކް ޗޮކްލެޓެވެ. ނަމަވެސް، އެމީހުންނަށް ކަލު ކޮފީއާއި ޑާކް ޗޮކްލެޓް ކަމުދަނީ އޭގެ ރަހަ މީރުވެގެން ކަމަށް ދިރާސާކުރި ޓީމަކުން ނުދެކެ އެވެ.
އެ ޓީމުން ދެކޭ ގޮތުން، އެމީހުންނަށް ކަޅު ކޮފީ ކަމުދަނީ ހިތި ރަހައިން "އެލާޓް" ވާހެން ހީވާތީ އެވެ. އަދި ކެފެއިން ބޭނުންވާ މީހުންނަށް ބޮޑަށް ބޭނުންވަނީ އެ އިހުސާސް ކަމަށާއި ކެފެއިން ބޭނުންވުމުން އެމީހުންނަށް ވިސްނެނީ ހިތި ރަހަ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެމީހުންނަކީ ކެފެއިންގެ އަސަރުތައް ވަރަށް އަވަހަށް ކުރާ ބަޔަކަށް ވުންވެސް ވަރަށް އެކަށީގެންވާ ކަމަށް ދިރާސާކުރި ޓީމުން ބުނެ އެވެ.