ރާއްޖޭގައި ދީނީ "ދަންނަ ބޭކަލުން"ގެ ނަން ރިބްރޭންޑްވެގެން އިލްމުވެރިންގެ ނަމުގައި ހަރަކާތް ތެރިވާން ފެށި ފެށުމާއި ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމުވުމާ ދިމާ ވަނީ އެއް ދުވަސްވަރަކާ އެވެ. 2005 ވަނަ އަހަރު އެމްޑީޕީ ވުޖޫދުވުމާއެކު ފެށިގެން އައި ޕާޓީ ސިސްޓަމުގެ ފޯރީގައި ދީނީ އިލްމުވެރިން ވެސް އައީ އެކި ޕާޓީތަކާ ގުޅިގެން ކަންކަމުގައި އެބައި މީހުންގެ ރައުޔު ހާމަކުރަމުންނެވެ.

ޕާޓީތައް އުފެދުމުގެ ކުރިން ބޮޑެތި ސިޔާސީ މަގާމުތަކާއި ބާރުގަދަ ވަޒީފާތަކަކީ ތަފާތު ފަންނުތަކުން ކުރިއަރައި ތަޖުރިބާ ލިބިފައިވާ މީސްމީހުނަށް ލިބޭ އެއްޗަކަށްވެފައި އޮތް އޮތުން ނިމި ޕާޓީ ހަރަކާތުގައި އެންމެ ބޮޑަށް އުޅޭ މީހުނަށް މަތީ މަގާމާއި ބާރާއި ނުފޫޒު ލިބެން ފެށި ފެށުމުގެ ތެރެއިން ކުރިން މާ ބޮޑު ބާރެއް އާރެއް ނެތް ބައެއްގެ ގޮތުގައި ތިބި އިލްމުވެރިން ވެސް ހިންދެމިލައި، ތަފާތު އެކި ގޮތްގޮތުން ސިޔާސީ އޮއިވަރުގެ މަންފާ ހޯދަން ފެށިތަން އައީ ފެންނަމުންނެވެ.

އެ ހަރަކާތުގެ ތެރެއިން އިލްމުވެރިންގެ ޕާޓީއެއްގެ ގޮތުގައި އުފެދުނު އަދާލަތު ޕާޓީ ވެސް މިއަދު ވެފައި ވަނީ ދީނީ ޕާޓީގެ މެންބަރުންނަށް ސިޔާސީ ފައިދާތައް ހޯދައިދިނުމަށް ހަރަކާތްތެރިވާ ޕާޓީއެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ޕާޓީ ފޯރި ފައްކާވެގެން އައިއިރު މުޖުތަމައުގެ އެހެން މީހުންނެކޭ އެއްފަދައިން އިލްމުވެރިން ވެސް މިއަދު ވަނީ ސިޔާސީ ހަލަބޮލި ކަމުގައި ރަނގަޅަށް ޖެހިފަ އެވެ. އެބަޔަކު ތާއީދުކުރާ ސިޔަސީ ފިކުރަކަށް ފެތޭ ގޮތަށް ފަތުވާ ދިނުމުގައި އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ކުރި ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު ދަންނަ ބޭކަލުންގެ ކިބައިން އާންމުން ދެކެން ބޭނުން ނުވާނެ ފަދަ ކަންތައް ވެސް މިއަދުގެ އިލްމުވެރިންގެ ފުށުން އަންނަނީ ފެންނަމުންނެވެ.

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާނާއި ބައެއް އިލްމުވެރިން ބައިވެރިވަނީ. ޝޭޚުންގެ ކޯޅުން ކެމްޕޭނާ ދިމާކޮށް ވަނީ ގަދަވެފައި.

ދީނީ އިލްމުވެރިންގެ މެދުގައި ސިޔާސީ މައްސަލަތަކުގައި ޚިޔާލު ތަފާތުވެ، ސިޔާސީ ކަނަކަމުގެ ތެރެއަށް ދީން ވައްދައި ހިނގާ ހަމަނުޖެހުމުގެ ތެރެއިން އެންމެ ފަހުން ފެންމަތި ވެގެން އުޅެނީ ހޯމް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޝޭޚް އިމްރާން އަބްދުﷲ ވިދާޅުވި ހަދީސެއްގެ ސައްހަ ކަމާ ގުޅޭ ޒުވާބެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ފެށުމުމަށްޓަކައި ބޭއްވި ޖަލްސާއެއްގައި އިމްރާން ވިދާޅުވި ހަދީސަކީ އަސްލު ހަދީސެއް ނޫން ކަމަށް ވިދާޅުވެ ޝޭޚް އާދަމް ނިޝާން ބިން އަލީ ދެއްކެވި ވާހަކައާ ގުޅިގެން ޝޭޚުންގެ ޒުވާބެއް ވަނީ އުފެދިފަ އެވެ.

ޝެއިޚް ނިޝާން ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯގައި ތަފުސީލުކޮށް ދެއްވައިފައި ވަނީ އިމްރާން ހަދީސެއް ކަމަށް ވިދާޅުވީ އަސްލު ހަދީސެއް ނޫން ކަމަށެވެ. ދަލީލު ދައްކަވަމުން އޭނާ ދެއްކެވި ވާހަކަ ނިންމަވާ ލެއްވީ ކީރިތި ގުރުއާނުގެ އާޔަތަކުންނެވެ.

ޝައިޚު ނިޝާން އިމްރާނަށް ޖަދަލުކުރައްވައި ވީޑިއޯ އާންމުކުރެއްވުމާ އެކު ދެން ފެނިގެން ދިޔައީ އެހެން ޝޭޚެއްގެ ފަރާތުން ނިޝާނަށް ރައްދު ދެއްވައި ލިއުއްވި ލިއުމެކެވެ. މިފަހަރުގެ ފާޑު ކިއުން އަމާޒުވީ ޝޭޚް ނިޝާން އިމްރާނަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ކިޔަވާ ވިދާޅުވި ގުރުއާނުގެ އާޔަތް ވިދާޅުވިއިރު ފިއްޔެއް ނުބައިކޮށް ވިދާޅުވި ކަމަށް ބުނެ އެވެ.

ޝެއިޚް ނިޝާން ގުރުއާނުގެ ފިއްޔެއް ނުބައިކޮށް ކިޔަވައި ވިދާޅުވި ކަމަށް ބުނެ ފަތުރާފައިވާ ލިޔުން ޓުވީޓް ކުރައްވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަނީ އެހެން ހަދީސެއް ބޭނުން ކުރައްވައި ޝޭޚް ނިޝާނާ ދިމާކޮށްލައްވާފަ އެވެ.

ޝެއިހް އަލީ ޒައިދު، ޑރ. އިޔާޒް، އަދި މިނިސްޓަރު އިމްރާން. ފޮޓޯ: އަދާލަތު ޕާޓީ

މި ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ކަމުން އެންމެން ވެސް ވަނީ ސިޔާސީ ހަރަކާތްތަކުގައި މަޝްހޫރުވެފަ އެވެ. ޕާޓީތަކުން ކެމްޕޭނަށް ޓީމުތައް އަތުރާލާ ހިނދު ޓީމުގެ މުހިންމު ބައެއްގެ ގޮތުގައި ދީނީ އިލްމުވެރިން ހިމަނަން ބޭނުން ވާނެ އެވެ.

ދީނީ އިލްމުވެރިން އެކި ސިޔާސީ ޕާޓީތަކަށް ބެހިގެން ޕާޓީ ރޫހުގައި ދެކެވޭ ދީނީ ވާހަކަތައް އިލްމުވެރިންގެ މެދުގައިވާ ޒުވާބަކަށް ވުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައެއް ނުވާނެ އެވެ. އެހެން ނަމަ ވެސް ވޯޓާ ދިމާކޮށް އެކަން މިވަނީ ފެށިފަ އެވެ.