ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާލިއާ ބަޓްއަކީ ކުދި ކުދި ކަންކަމުގައި ވަރަށް ބޮޑާ ހާކާ މީހެއް ކަމަށް އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު ބުނެފި އެވެ.
ރަންބީރު މިހެން ބުނެފައިވަނީ އިންޑިއާގެ ފުޓްބޯޅަ ލީގު އިންޑިއަން ސުޕަ ލީގުގެ ޓީމެއް ކަމަށްވާ މުމްބާއީ އެފްސީގެ ޖާޒީ ދައްކާލުމުގެ ހަފްލާގައި ވާހަކަ ދައްކަމުންނެވެ.
އެ ހަފްލާގެ ތެރެއިން ދުވަހަކު ވެސް އެކުގައި ފުޓުބޯޅަ ނުކުޅޭނެ މީހަކީ ކޮބައިތޯ މީޑިއާއިން ކުރި ސުވާލެއްގެ ޖަވާބުގައި ރަންބީރު ބުނެފައިވަނީ އަމިއްލަ އަންހެނުން އާލިއާގެ ނަމެވެ.
ސަބަބެއް ކަމަށް ރަންބީރު ބުނީ މެޗުން ބަލިވެއްޖެނަމަ މުޅި ދުވަހު އެކަމާ އޭނާ ބޮޑާ ހާކާނެތީ ކަމަށެވެ. އެއާއެކު އާލިއާއަކީ ވަރަށް ވާދަވެރި މީހެއް ކަމަށް ވެސް ރަންބީރު ބުނެފައިވެ އެވެ.
"އަހަރެން އާލިއާ ބަލިކޮށްފިނަމަ ދުވަސްތަކެއް ވަންދެން އެކަމާ އޭނަ ބޮޑާ ހާކާނެ. އެހެންވެ އޭނައާ ދެކޮޅަށް ކުޅޭކަށް ބޭނުމެއް ނުވޭ" ރަންބީރު ބުންޏެވެ.
ކުޅަދާނަ އެކްޓަރެއްގެ އިތުރުން ރަންބީރަކީ ފުޓްބޯޅައަށް ވަަރަށް ސަޕޯޓްކުރާ މީހެކެވެ. އޭނާއަކީ މުމްބީއީ އެފްސީ ކްލަބްގެ އެއް ހިއްސާދާރަށް ވާއިރު އެފް ސީ ބާސެލޯނާގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެވެ އެވެ.
ފުޓްބޯޅައަށް އޭނާގެ ހިތުގައި އޮތް ލޯތްބާ ބެހޭގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނީ އެކަމުން އޭނާގެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ.