އަލަށް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ނުވަތަ ގުޅެން އުޅޭ އިރު އާންމުކޮށް ލިބޭ ނަސޭހަތްތަކަކީ ޒަމާންތަކުން ފުރޭނިގެން އައިސްފައި ހުންނަ ފުލޯކު ވާހަކަތަކެއް ހެން ބައެއް ފަހަރު ހީވެ އެވެ. ގިނަ ފަހަރަށް މި ނަސޭހަތްތަކާއި އެއްގޮތަށް އަމަލުކުރާއިރު އޭގައި ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭތޯ ވެސް ބަލާނުލެވެ އެވެ. އެހެން ކަމުން މިފަހަރު މި ބަލާލަނީ މިބުނި ފަދަ ތާކުން ތާކު ނުޖެހޭ ބައެއް ނަސޭހަތްތަކަށެވެ.

ފުރަތަމަ ބައްދަލުވާއިރު އެ 'ސްޕާކް' ނެތިއްޔާ ދެން އެއްކަމެއް ވެސް ނުވާނެ

މިބުނާ 'ސްޕާކް' އަކާއި 'ފަޔަވޯކްސް' ނުވަތަ އެންމެ ފުރަތަމަ ފެނިލުމާއި އެކު ގަޔާވުމަކީ ހަގީގީ ލޯތްބެއްގެ ފެށުންކަމަށް މީހުން ގަބޫލުކުރެ އެވެ. އަދި އެހެން ނުވި ނަމަ އެ ގުޅުން ވަރުގަދަ ނުވާނެ ކަމަށް ބުނެ އުޅެއެވެ.

ނަމަވެސް ހަގީގަތަކީ މީހަކު ފެނި އެމީހަކު ދަސްވާން ވަގުތު ނަގާނެއެވެ. ބައެއް ފަހަރު ތިންވަނަ ނުވަތަ ހަތަރުވަނަ ބައްދަލުވުމުގައި ވެސް މީހެއްދެކެ ގަޔާވާކަން އިހުސާސު ކުރެވިދާނެ އެވެ. އެހެންވީމާ އެމީހާއަށް ފުރުސަތެއް ދޭށެވެ. ފުރަތަމަ ފެނިލުމާއި އެކުވެސް ގަޔާވެ، އެހެނަސް އެކަން އިހުސާސު ނުވީ ކަމަށް ވެދާނެ ނޫންތޯ އެވެ؟

އެންމެ ފުރަތަމަ ލައިކް ވާކަން ދައްކައިގެން ނުވާނެ

މިއީ ގޭމު ކުޅޭ ހިތްވާ މީހުން ވަރަށް ކުރާހިތްވާ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ލޯތްބަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ.

ލޯބިވަންޏާ ލޯބިވާކަން ހާމަ ކުރާށެވެ. އެކުގައި ހޭދަކުރެވޭ ވަގުތުތަކަކީ އުފާވެރި ވަގުތުތަކެއްކަން ބުނެދޭށެވެ. އަބަދު އަބަދު އަރަތެއްގެ ޖަވާބުހޯދާކަށް ނޫޅެވޭނެ އެވެ. އެހެން އުޅެން ވެއްޖެ ނަމަ އެ ގުޅުމެއްގެ މަތިން ފޫހިވާން ފަށާނެ އެވެ.

"އެ މީހާ" ފެންނަން ދެން މަޑުކޮށްލާ

ކޮންމެ މީހެއްގެ ހިތުގައިވެސް އެމީހަކު ބޭނުންވާ ކަހަލަ ބައިވެރިއެއްގެ ހުންނާނެ ސިފަތަކާއި އެކު ފަޑު ކުރެހުމެއް ވާނެ އެވެ. މި ބޮޑު ދުނިޔޭގައިވެސް އެމީހާ ފިޔަވާ ތިމާގެ ދިރިއުޅުމުގެ ބައިވެރިއަކަށް ވެވޭނެ އެހެން މީހެއް ނެތްކަން ގަބޫލުކުރުމަކީ ކުށް ހީއެކެވެ.

މި ވިސްނުން ދޫކޮށްލާށެވެ. ހުރހާ ކަމެއް އެންމެ ފުރިހަމަ އެއްވެސް މީހެއް ނޫޅޭނެ އެވެ. އެހެން ނަމަވެސް ތިމާދެކެ ލޯބިވާނެ ބައިވަރު މީހުން އުޅޭނެ އެވެ. އޭގެ ތެރެއިން ތިމާއަށް އިހުތިރާމުކުރާ، ތިމާ އާއި އެކީ ވަގުތު ހޭދަކުރަން ބޭނުންވާ މީހަކު ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުގައި އިހުތިޔާރު ކުރާށެވެ.

"ތި ބޭނުންވާ ކަހަލަ މީހެއް ނުލިބި ހުއްޓާ މުސްކުޅިވާނީ"

މިއީ ގިނަ މީހުން ވަރަށް ހިތުގައި ޖެހޭ ބަހެކެވެ. އެހެން ނަމަވެސް ވަރަށް ގިނައިން އަޑުއަހަން ވެސް ޖެހޭ ބަހެކެވެ.

އެކަނި ދިރިއުޅުން ވޭތުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް މީހުން ކިޔާނެ އެއްޗަކާއި މެދު ވިސްނާފައި އަވަސް އަރުވާލައިގެން ކައިވެނިކުރާނެ ބައިވެރިޔަކު ހޯދަން އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ލަނޑު ލިބުނު މީހުންވެެސް އަހަރެމެންގެ މަދެއް ނޫނެވެ.

އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ. ކޮންމެ މީހެއްގެ ދިރިއުޅުންވެސް ހިނގާނީ އޭގެ އަމިއްލަ ދުވެއްޔެއްގަ އެވެ. ކޮންމެ މީހަކު 20-30 އަހަރާއި ދެމެދު ކައިވެނި ކުރާކަށް ލާޒިމެއް ނޫނެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުއައިސް ޖެހުމުން ވާނެއެވެ. އެހެން ކަމުން ތިމާ ހިތްކިޔާ މީހަކު ހޯދަން ކިތަންމެ ދުވަހެއް ނެގިޔަސް އެއީ މައްސަލައެއް ނޫނެވެ.

ރަނގަޅު ނަސޭހަތެއް ބޭނުމިއްޔާ މި ނަސޭހަތް އަޑުއަހާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. އަވަސް އަރުވާލާއިގެން ގޮސް، ގޯސް މަގެއް އިހުތިޔާރު ނުކުރާށެވެ. ރައްޓެހިވެގެން ނުވަތަ ކައިވެންޏެއް ކޮށްގެން އުޅެން ވަކި ރަނގަޅު ގޮތެއް އޮންނަ ކަމެއް އެނގިފައި ނެތެވެ. ނަމަވެސް ގޯސް ބައިވަރު ގޮތް ހުރެ އެވެ. އެހެން ކަމުން ބޭކާރު ކަންތަކާ ނުވިސްނާ މިކަންތަކާއި މެދު ވިސްނާލުން މުހިއްމެވެ.