ނޭޓޯގައި ބައިވެރިވުމަށް މިހާރުގެ ހާލަތަށް ބަލާއިރު ޔުކުރެއިން ޝަރުތު ފުރިހަމަ ނުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ ނޭޓޯގެ މެންބަރަކަށްވުމަށް ވަކި ކޮލިޓީއެއް ގައުމުގައި ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު ހަނގުރާމައެއްގެ މެދުތެރޭގައިވާ ޔުކްރެއިނަށް އަދި ނޭޓޯގެ މެންބަރަކަށް ވެވެން ނެތް ކަމަށް ވިޔަސް ރަޝިއާގެ ހަމަލަތަކުން ދިފާއުވުމަށް އެ ގައުމަށް ނޭޓޯއިން އެހީތެރިވެދޭނެ އެވެ.
ނޭޓޯގެ ވެރިންގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ކަންތައް ހިނގާދިޔަ ގޮތުން ޒެލެންސްކީ ވެސް ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވަނީ ޔުކްރެއިން ނޭޓޯގައި ބައިވެރިކުރުމަށްޓަކައި ޓައިމް ފްރޭމެއް ކަނޑަނޭޅުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ފާހަގަ ކުރައްވާފަ އެވެ.
ނޭޓޯގެ ސަމިޓުގައި ބައިވެރިވެވަޑައިގެން ޔުކުރޭނަށް ހަތިޔާރުގެ އެހީ ހޯއްދެވުމަށް ޒެލެންސްކީ ކުރެއްވި މަސައްކަތްޕުޅު ކާމިޔާބުވީ ކަމަށް ވިޔަސް ނޭޓޯގެ މެންބަޝިޕާ ބެހޭ ގޮތުން އެއްވެސް ކުރިއެރުމެއް ވަނީ ނުލިބި އެވެ.
ނޭޓޯގެ ވެރިންގެ ސަމިޓަށްފަހު ނެރުނު ބަޔާނުގައިވާ ގޮތުން އެ ޖަމާއަތް އިތުރަށް ފުޅާކުރުމާ ބެހޭ ކަންތައް އެ ޖަމާއަތުން ނިންމާނެ އެވެ. އެކަމަށްޓަކައި ބަލަންޖެހޭ ކަންތަކަށް ބެލުމަށް ފަހު އެނިންމުން ތަންފީޒު ކުރާނެ އެވެ.
އެ ބަޔާނުގެ ރާގަށް ބާލާއިރު ތަޖުރިބާކާރުން ބުނަނީ އެއީ ޔުކްރޭނަށް މެންބަޝިޕަށް އެދުމުގެ ބޭނުމެއް ނެތް ކަމަށާއި އެކަމަށް އެ ގައުމަށް ފުރުސަތު ދިނުމަށް ނޭޓޯއަށް ފެންނަން ދެން މަޑުން ތިބުމަށް ދީފައިވާ ނޯޓިސްއެކެވެ.
ޔުކްރޭނާއި ރަޝިޔާގެ މެދުގައި ހިނަގަމުންދާ ހަނގުރާމާގައި އެންމެ ބޮޑު ބުރައެއް އުފުލަން ޖެހިފައި ވަނީ ނޭޓޯއަށެވެ. ލަޑީމިއާ ޕޫޓިން ޔުކްރޭނަށް ހަމަލަ ދިނުމުގައި ބަހަނާއަކަށް ހެއްދެވީ ވެސް ޔުކްރޭން ނޭޓޯގެ މެންބަރަކަށް ވާން އުޅުނު އުޅުމެވެ.
ރަޝިޔާއާ އާއި ޔުކްރޭނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި ޔުކްރޭނަށް އެހީތެރިވުމުގައި ނޭޓޯ ފުރަތަމަ ދުވަހުން ފެށިގެން ދެމި އޮތް ނަމަވެސް އެ ޔުކްރޭން އެ ޖަމާއަތުގައި ބައިވެރިކުރުމަށް ނޭޓޯ ވަނީ ފަސް ޖެހިފަ އެވެ. އެކަމުގެ ސަބަބުން ނޭޓޯ އާމެދު ޒެލެންސްކީގެ ހިތްޕުޅުގައި ވަނީ މާޔޫސްކަން އުފެދިފަ އެވެ.