މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި، މި ރަސްމިއްޔާތަށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި، ހޯމް މިނިސްޓަރު އިމްރާން އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައި ވަނީ އައްޝައިޚް އަޒިމް ހާލިދެެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގަ އެވެ.