މީޑިއާތަކަށް ގެއްލިފައިވާތާ މަހެއްހާ ދުވަސްވެފައިވާ ޗައިނާގެ ފޮރިން މިނިސްޓަރު މަގާމުން ދުރުކޮށް، އެހެން މީހަކު އެ މަގާމަށް އައްޔަންކޮށްފި އެވެ.

ޗައިނާގެ ސަރުކާރު މީޑިއާއިން މި ޚަބަރު ގެނެސްދިންއިރު ކުރީގެ ފޮރިން މިނިސްޓަރު ކިން މަގާމުން ވަކިކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ. ކިންގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރީ ފޮރިން މިނިސްޓްރީގެ އެންމެ ސީނިއާއެއް ޑިޕްލޮމެޓް ވަންގް ޔީ އެވެ.

ކިން އެންމެ ފަހުން ފެނިފައި ވަނީ ރަޝިއާ އާއި ސްރީލަންކާއާއި ވިއެޓްނާމުގެ އޮފިޝަލުންނާ އެކު ޖޫން 25 ގައި އޮތް ބައްދަލުވުމެއްގަ އެވެ. އޭގެ ފަހުން މިނިސްޓަރު ހާޒިރުވާން ޖެހުނު ޚަރިޖީ ދާއިރާގެ އެތައް ބައްދަލުވުމަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި މިމަހުގެ ކުރީ ކޮޅު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އޮތް އާސިއާންގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ވެސް ހިމެނެ އެވެ.

ޖަކާޓާގެ ބައްދަލުވުމާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން އޭރު ބުނެފައި އޮތީ ސިއްހީ ހާލު ހުރިގޮތުން މިނިސްޓަރު އެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އޭގެ ފަހުން އޭނާ ވީ ތަނަކާ މެދު ނޫސްވެރިން ކުރާ އެއްވެސް ސުވާލަކަށް ފޮރިން މިނިސްޓްރީ އިން ވެސް ސަރުކާރުގެ އެހެން އިދާރާއަކުން ވެސް ޖަވާބެއް ނުދެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް މި ބަދަލު އައީ އެ ގައުމުން ގެންގުޅޭ ހަރުކަށި ފޮރިން ޕޮލިސީ އާމެދު ހުޅަނގުން ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އަލަށް އައްޔަން ކުރި ވަންގްގެ ލީޑަޝިޕާއެކު ވެސް އެގައުމުގެ ފޮރިން ޕޮލިސީއަށް ވަކި ބަދަލެއް އަންނާނެ ކަމަކަށް ނުފެނެ އެވެ.