2001 ވަނަ އަހަރު ނުކުތް ކާމިޔާބު ބޮލީވުޑް ފިލްމު "ގަދަރް: އެކް ޕްރޭމް ކަތާ"ގެ ދެވަނަ ބައި "ގަދަރު 2"ގެ ޓްރެއިލާ ނެރެފި އެވެ.

އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އެ ފިލްމުގެ ފުރަތަމަ ފެނިލުން އާއްމުންނާ ހަމައަށް ގެނެސްދީފަ އެވެ.

އެގޮތުން ގަދަރު 2ގެ ލީޑު ރޯލުން ވެސް ފެނިގެން ދަނީ އެ ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނިގެން ދިޔަ ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް އެވެ.

ތާރާ ސިންހްއާއި ސަކީނާގެ ރޯލުން ސަނީއާއި އަމީޝާ ފެނިގެންދާއިރު އެ ދެ މީހުންގެ ކެރެކްޓާ ނަން ތަކަކީ ވެސް ކުރީގެ ފިލްމުގައި ބޭނުން ކުރެވުނު ނަން ތަކެވެ.

ޓްރެއިލާ ނުކުމެފައިވާއިރު ގަދަރު 2ގައި ފެނިގެންދާނީ އިންޑިއާ- ޕާކިސްތާން ހަނގުރާމައިގެ ތެރެއިން ޕާކިސްތާނަށް ގެންދެވުނު ތާރާއާއި ސަކީނާގެ ދަރިފުޅު "ޖީތޭ" ސަލާމަތް ކުރަން ތާރާ ކުރާ މަސައްކަތެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ 2001 ގެ ފިލްމުގައި ވެސް ތާރާ ވަނީ ހަނގުރާމައެއް ފަދަ ހާލަތެއްގެ ތެރެއިން ސަކީނާގެ ލޯބި ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގަދަރްއަކީ ގިނަ ބައެއްގެ ލޯބި ލިބުނު ފިލްމަކަށް ވީއިރު އޭގެ ދެވަނަ ބައަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.