އިސްތަށިގަނޑު ދިގު ކުރުމަކީ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އިސްތަށިގަނޑަށް އެކަށީގެންވާ ރަނގަޅު ޓުރީޓުމަންޓުމަންޓާއި އަޅާލުން ލިބިގެން ކުރެވޭނެ ކަމެކެވެ. މި ލިޔުމުގައި އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ނުވަތަ އިސްތަށިގަނޑު ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަށް ބަލާލާނަމެވެ.

އިސްތަށިގަނޑުގައި މަޑުމަޑުން ފުނާ އެޅުން

އިސްތަށިގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވެ ފުނާ އަޅާ އިރުވެސް އަޅަން ޖެހޭނީ މަޑުމަޑުން ވަރަށް ބަލައިގެންނެވެ. މާ އަވަސް އަރުވާލާފައި ނުވަތަ މާ ބާރުލާފައި ފުނާ އެޅުމަކީ އިސްތަށިތައް ބުރިވުމަށް މަގުފަހި ކުރުވާ ކަމެކެވެ. ހާއްސަކޮށް ތެތް އިސްތަށިގަނޑެއްގައި ފުނާއަޅާނަމަ އިސްތަށިތައް ހަލާކުވުން ގާތެވެ.

ހަފުތާއަކު ތިން ފަހަރު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވުން

ކޮންމެ ދުވަހަކު އާދަކޮށް ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑު ހިކޭނެ ކަމެކެވެ. އެހެންވެ ކޮންމެ ދުވަހަކު ޝޭމްޕޫ ކުރުމުގެ ބަދަލުގައި ހަފްތާއަކު ތިން ދުވަހު ޝޭމްޕޫ ކުރުން ރަނގަޅުވާނެ އެވެ.

ޝޭމްޕޫ ކުރުމަށްފަހު ކަންޑިޝަނާއެއް ބޭނުން ކުރުން

އިސްތަށިގަނޑު ޝޭމްޕޫ ލައިގެން ރަނގަޅަށް ދޮވުމަށްފަހު ކޮންޑިޝަނާއެއް ބޭނުން ކުރުން ރަނގަޅެވެ. އޭރުން ޝޭމްޕޫ ކުރުމުގެ ސަބަބުން އިސްތަށިގަނޑުން ގެއްލުނު ތެޔޮކަން އަނބުރާ ލިބޭނެ އެވެ. ކޮންޑިޝަނާއެއް ބޭނުންކުރާނަމަ ކޮލިޓީ ރަނގަޅު ކަންޑިޝަނާއެއް ބޭނުން ކުރާށެވެ.

އިސްތަށިގަނޑު ހިއްކުމަށް މައިކްރޯފައިބާ ފޮތިކޮޅެއް ބޭނުން ކުރުން

އިސްތަށިގަނޑުން ފެން ހިއްކުމަށް ތުވާއްޔެއް ބޭނުން ކުރުމުގެ ބަދަލުގައި މައިކުރޯފައިބާ ފޮތިކޮޅެއް ބޭނުން ކުރާށެވެ. ސަބަބަކީ އިސްތަށިގަނޑުން ފެން ހިއްކުމަށް ތުވާލި ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމަކަށް ވާތީއެ ވެ.