ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި ދިވެހިންނާއި ދިވެހި ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރިން އެސެޓްސް (އޯފެކް) އިން ނިންމައިފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދު ކޮށް ޓެރަރިޒަމަށް ފަންޑު ކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަ ކޮށްފަ އެވެ.
އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓެރަރިސްޓް ސެލްތަކުގެ މީހުންނާއި ބޮޑެތި ކުށް ކުރާ ނުރައްކާތެރި ގޭންގުތަކުގެ މީހުންނާއި ވަކިވަކި ފަރުދުން ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވުނު މުހައްމަދު އަމީން އާ ގުޅުން ހުރި ކުންފުނިތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަމީނާ ގުޅިފައިވާ ކަމަށް ބުނާ ބައެއް މީހުން
މުހައްމަދު މާތިއު އަބްދުއްރައްޒާގު
އަބްދުﷲ އަލިމަނިކު
އަބްދުﷲ ޝަރީފް
ހުސައިން ޝާމިލް
އަހްމަދު އަފްރާހު
އަހްމަދު މުބީން
ޔޫސުފް ޝަހީދު
އަމީން އަހްމަދު
މޫސާ އިނާސް
އަލީ ޝާފިއު
ރާއްޖޭގައި ހިންގާ ނުރައްކާތެރި ގޭންގުތަކުގެ ލީޑަރުންގެ ތެރެއިން އައިސިސް އަށް އެހީތެރިވާ ކަމަށް އެމެރިކާ އިން ކަނޑައަޅާފައި ވަނީ ތިން މީހެކެވެ. އެއީ އަހުމަދު އާލިފް ރައޫފް އާއި މުހައްމަދު އިންތިފް ރައޫފް އަދި އިބްރާހިމް އަލީފް ރައޫފް އެވެ.
މީގެ އިތުރުން އައްޑޫގައި ޓެރަރިޒަމްގެ ހަމަލާތަކެއް ދިނުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަމަށް ބުނާ ބައެއްގެ މައުލޫމާތުވެސް އޯފެކް އިން ފިޔަވަޅު އަޅާ މީހުންގެ ތެރޭގައި ހިމެނެ އެވެ. މި މީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ހަރަކާތްތައް ހިންގާކަމާއި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ މި މީހުންނާ ގުޅުންހުރި ކުންފުނިތަކަކަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ. އައްޑޫއިން ތުހުމަތުކުރާ މީހުންނަކީ މުހައްމަދު ނައުޝާދު ޝަރީފާއި، ފާރިސް މުހައްމަދު ދީދީ އާއި، މުހައްމަދު ތަސްލީމާއި، ޖިނާއު ނަސީމުގެ އިތުރުން އަލީ ނިހާދު އެވެ.