ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި އިމްރާން ޚާން އަލުން އެނބުރި ބޮލީވުޑަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި ކޮމެންޓެއްގައި ބުނެފައިވަނީ އެ ޕޯޯސްޓަށް އެއް މިލިއަން ލައިކްސް ލިބިއްޖެނަމަ ބޮލީވުޑަށް އެނބުރި އަންނާނެ ކަމަށެވެ.

މިއާއެކު އޭނާގެ ފިލްމަކަށް އިންތިޒާރުކޮށްގެން ތިބި ގިނަ ބަޔަކު އަންނަނީ އެ ކޮމެންޓަށް ލައިކް ދީ ޝެއާ ކުރަމުންނެވެ. އަދި 24 ގަޑިއިރު ނުވަނީސް އެ ކޮމެންޓަށް އެއް މިލިއަން ލައިކްސް ވަނީ ލިބިފަ އެވެ.

"ޖާނޭ ތޫ ޔާ ޖާނޭނާ"، "އައި ހޭޓް ލަވް ސްޓޯރީޒް" އަދި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދި އިމްރާން އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ނުކުތް "ކައްޓީ ބައްޓީ" އިންނެވެ.

އެއަށްފަހު ހަބަރުތަކުގެ ސުރުހީއަށް އިމްރާން އަރާފައިވަނީ އޭނާގެ އަވަންޓިކާ މަލިކްއާއެކުކުރި ކައިވެނި ރޫޅުނު ކަމުގެ އަޑުތައް ފެންމަތި ވުމުންނެވެ.