ގާތްގަނޑަކަށް 600 ކިލޯ މީޓަރުގެ ރާސްތާއަށް ދަތުރުކުރާ މިސައިލްތަކެއް ހަރުކޮށްފައިވާ މުޅިން އާ އުޅަނދުތަކެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދައްކާލައިފި އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ގަލްފުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި އީރާނުން މި އުޅަނދުތައް ދައްކާލީ އީރާނުގެ އަތްދަށުގައި އޮންނަ ރަށެއް ކަމަށްވާ އަބޫ މޫސާ ކައިރީ ކަނޑު މަތީގައި ބޭއްވި މިލިޓަރީ ފަތިތަކުރުންތަކެއްގަ އެވެ. އަބޫ މޫސާއަކީ ޕާޝިއަން ގަލްފުގައި އީރާނުގެ އަތްދަށުގައި އޮންނަ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން މިލްކުވެރިކަމާ މެދު ދައުވާކުރާ ތިން ރަށުގެ ތެރެއިން އެއް ރަށެވެ.

އީރާނުގެ ނޫސް އެޖެންސީއެއް ކަމަށްވާ ތަސްނީމުން އުޅަނދުތަކާ ބެހޭ ޚަބަރު ގެނެސް ދިންއިރު މިސައިލާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ. އެހެން ނަމަވެސް އަބޫ މޫސާ ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މިލިޓަރީ ކޮމާންޑަރު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ރިވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެ ރަށަކީ އީރާނުގެ ޝަރަފާ ގުޅިފައިވާ ރަށެކެވެ. އެހެންކަމުން އެ ރަށް ހިމާޔަތް ކުރުމަކީ އެމީހުންގެ ވާޖިބެކެވެ. ހަމަ އެފަދައިން ޕާޝިއަން ގަލްފުގެ ސަލާމަތާ ރައްކާތެރިކަމަކީ އެހިސާބުގެ ހުރިހާ ގައުމުތަކެއްގެ ގުޅިގެން ބަލަހައްޓަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޕާޝިއަން ގަލްފަކީ އެ ސަރަހައްދުގެ ހުރިހާ ގައުމުތަކުގެ މިލްކެކެވެ. އެހެންކަމުން އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ކުޅަދާނަކަން އެ ގައުމުތަކަށް ލިބިފައިވާ ކަން އެނގެން ޖެހެ އެވެ. އެއިން ގައުމެއް ބޭރުގެ ބާރުގެ ދަށަށް ދިއުމަކީ ސަރަހައްދީ ހަމަޖެހުމަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ކޮމާންޑަރު ވިދާޅުވި އެވެ.

ގަލްފު ސަރަހައްދުގައި އީރާނުގެ ހަރަކާތްތައް މޮނިޓަ ކުރުމަށްޓަކައި މިދިޔަ މަހު އެމެރިކާއިން ވަނީ މަތިންދާ ބޯޓު އުފުލާ އިތުރު މަނަވަރެއް އެ ސަރަހައްދަށް ފޮނުވައިފަ އެވެ.