ދިރާސާ އައު އަހަރުގެ ކިޔެވުން 84،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ 84،200 އެއްހާ ދަރިވަރުންނާއެކު އެވެ. އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73،078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް އެކުގަ އެވެ. މީގެ ތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަހައްދުގަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދެއްވާނެ އެވެ. މީގެ ތެރެއިން 156 ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، މާލެ ސަރަޙައްދުގައި އިތުރު ތިން ސްކޫލެއްގައި ކިޔަވައިދޭ ވަނީ ފަށައިފަ އެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ހާސަކޮށްގެން ސަރުކާރުން ތަރައްގީކުރި ސްކޫލުގައި ކިޔެވި 1،650 ދަރިވަރުންނާއެކު ކިޔަވައިދޭނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި އަލަށް ދެން ކިޔަވައިދޭން ފަށަނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ސީއެޗްއެސްސީގެ އާ އިމާރާތާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްކޫލްތަކުގަ އެވެ. މި ތިން ސްކޫލްގައި ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އެއްދަންފަޅިއަށެވެ.

މި ތިން ސްކޫލާއެކު މާލެ ސަރަޙައްދުގައި ހަތަރު ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އެވެ. އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފަ އެވެ. ހަމައެއާއެކު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އެ މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 15 އާއި ހަމައަށް ހުރިހާ ސްކޫލަކަށް ވެސް ފޮނުވާ ނިންމާފަ އެވެ. އެހެންކަމުން ސްކޫލް ފެށޭއިރު ހުރިހާ ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ދިރާސީ އަހަރު މީގެކުރިން އަހަރުގެ ކުރީކޮޅު ފެށިނަމަވެސް، މިހާރު ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ މެދުތެރޭގަ އެވެ. އެގޮތުން މިހިނގާ އަހަރުގެ، ކިޔެވުން ކުރިއަށްދާނީ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހަށެވެ.