އަލުން އަނބުރާ އެމްޑީޕީއާ ގުޅުނީ ކުޅުދުއްފުށި ރައްޔިތުންގެ ހައްގުގައި ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ކުޅުދުއްފުށި ކައުންސިލް ހުރިހާ މެމްބަރުން ވަނީ އެމްޑިޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފަ އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ހަސަން ވެސް ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެވެ.

އެހެންނަމަވެސް މެމްބަރު ޔާސިރުއާއި ކުޅުދުއްފުށި ކައުންސިލުގެ ހުރިހާ މެމްބަރުން ރޭ ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ރައީސް ސޯލިހު ރޭ ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމެއްގަ އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން ގިނަބަޔަކު ދިޔައީ އާތިފްއަށް ފާޑުކިޔަމުންނެވެ. އެމްޑީޕީއާ އެނބުރި ގުޅެންނިންމި ނިންމުން ދިފާއު ކުރައްވާ އާތިފް ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުންގެ ހައްގުގައި ނުކުރަނެ ކަމެއް ނޯންނާނެ ކަމަށެވެ.

ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ އެމްޑީޕީ

އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަސައްކަތަށް ނުކުންނެވީ ހިތްވަރުގަދަ ޓީމަކާ އެކު ފިސާރި ކެރިގެން ކަމަށެވެ. އޭނާގެ މައްޗަށް އަސާސެއް ދޮގު އިލްޒާމުތަކެއް ކުރި ނަމަވެސް ރައްޔިތުންގެ ހައްގުގައި ދެމިހުންނާނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނޭ އެއްވެސް އޮޅިގަނޑެއް ނޯންނާނެ ކަމަށާއި ނުއުފުލާނެ އެއްވެސް ތަކުލީފެއް އަދި ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އެބޭފުޅުން މީގެ ކުރިން އެމްޑީޕީ އިން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީގައި އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރޭގައި ވެސް ޔާސިރު ހިމެނިވަޑައިގަންނަވަ އެވެ.