އިންޑިއާއިން ހަނދުގެ ދެކުނު ފަޅިއަށް ތިރިކުރުމަށް ފޮނުވައިލި ޗަންދުރަޔާން 3 މިމަހު 23 ވަނަ ދުވަހު ހަނދަށް ތިރިކުރާނެ ކަމަށް ބެލެވޭއިރު، ހަނަދަށް ތިރިކުރާ ލޭންޑަ އާއި ރޯވާ މިހާރު ވަނީ ހަނދުގެ އޯބިޓަށް ވަދެ ހަނދަށް ޖެހއްސުމަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފަ އެވެ.
މިހާތަނަށް އެއްވެސް ބަޔަކު ގޮސްފައި ނުވާ ސައުތު ޕޯލަށް އިންޑިއާ އިން ދާން އުޅަނދެއް އުދުއްސާލިތާ ހަފުތާއެއް ފަހުން ރަޝިޔާ އިން އެހިސާބަށް ދިއުމަށް ފޮނުވާލި ލޫނާ 25 އިންޑިއާގެ އުޅަނދަށް ވުރެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ހަނދުގައި ޖައްސާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.
މިފަހަރުގެ ރޭހުން އިންޑިއާ ބަލިވި ކަމަށްވިޔަސް އެގައުމަކީ ހަނދުގައި އުޅަނދެއް ޖެއްސި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމު ކަމުގައި ވާނެ އެވެ. މިހާތަނަށް އެކަން ކާމިޔާބު ކޮށްފައި ވަނީ އިންޑިއާގެ އިތުރުން ރަޝިޔާ (ކުރީގެ ސޯވިއެޓް ޔުނިއަން) އާއި އެމެރިކާ އާއި ޗައިނާ އެވެ.
އިންޑިއާގެ އުޅަނދު ޗަންދުރިޔާން 3 ޖުލައި 14 ވަނަ ދުވަހު ނައްޓާލި ގޮތަށް ދުނިޔެ ވަށައި ފުދޭވަރަކަށް ގިނަ ފަހަރު އެނބުރުނު ކަމަށް ވެ އެވެ. އޭގެ ފަހުން ހަނދުގެ އޯބިޓަށް އެ އުޅަނދަށް ވަދެފައި ވަނީ އޮގަސްޓު 5 ގަ އެވެ. އެދުވަހުން ފެށިގެން އެ އުޅަނދު އަންނަނީ ހަނދަށް ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަށައި ބުރު ޖަހަމުންނެވެ.
ޗަންދްރިޔާން 3 އާ ލޫނާ 25 ގެ ބޭނުމަކީ ހަނދުގެ މިހާތަނަށް އުޅަނދެއް ވާސިލުވެފައި ނުވާ ހުޅަނގު ބިތަށް ތިރިކޮށް، އެ ސަރަހައްދާ ބެހޭ މައުލޫމާތު ހޯދުމެވެ. އަބަދު ވެސް އަނދިރިކޮށް އޮންނަ އެސަރަހައްދުގައި ގަނޑުފެން ހުރެދާނެ ކަމަށް ސައިންޓިސްޓުން ގަބޫލު ކުރެ އެވެ.
ރަޝިޔާގެ ހަނދުގެ މިޝަން ލޫނާ 25 ގެ ބޭނުމަކީ ހަނދުގެ ދެކުނު ބިތުގައި ހުރި ކަމަށް ބެލެވޭ ގަނޑު ފެނުގެ މައުލޫމާތު އެއްކުރުމުގެ އިތުރުން އެހިސާބުގެ ބިމުގެ ހާލަތު ތަހުލީލުކުރުމެވެ. ރަޝިޔާ އިން އަންނަނީ ހަނދުގައި ސްޓޭޝަނެއް ހެދުމަށް ތައްޔާރުވަމުންނެވެ.