އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހުޅުވާލައިގެން ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އަންނަ މަހުގެ އެއް ވަނަ ދުވަހު ބަހުސެއް ބާއްވަން ނިންމައިފި އެވެ.

ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވެސް 'ރިޔާސީ ބަހުސް' ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ބަހުސް ޕީއެސްއެމް ނިއުސް އާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރޮގްރާމު އޮންނާނީ ސެޕްޓެމްބަރު އެކެއް ވާ ހުކުރު ދުވަހުގެ ރޭ 9 އިން 11 އަށެވެ. ޕީއެސްއެމްއާ ގުޅިގެން އެ ޕްރޮގްރާމް ގެނެސްދިމުގެ ފުރުސަތު އެހެން މީޑިއާތަކަށް އޮންނާނެ ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ. މި އަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ:

1- އުމަރު ނަސީރު (އަމިއްލަ)

2- ހަސަން ޒަމީލް (އަމިއްލަ)

3- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ)

4- ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)

5- ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)

6- އަހުމަދު ފާރިސް މައުމޫން (އަމިއްލަ)

7- އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)

8- މުހައްމަދު ނާޒިމް (އެމްއެންޕީ)