ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ކިރިގިސްތާނަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. މިގޮތައް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެންނެވެ.

ވިސާއާއި ނުލާ ކިރިގިސްތާނަށް ދިވެހިންނަށް ދަތުރުކުރެވޭ އިންތިޒާމް ހަމަޖައްސާފައި ވަނީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން ސެޕްޓެމްބަރު 23، 2022 ގައި ވަނީ ދެ ގައުމުގެ މެދުގައި ވިސާއާއި ނުލާ ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

ދުރާލާ ވިސާ ނެގުމަކާއި ނުލާ ދިވެހިންނަށް ކިރިގިސްތާނަށް ދަތުރުކުރެވޭ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް ދިގު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކާއި، ތައުލީމު ފަދަ ކަންކަމަށް ދަތުރުކުރާނަމަ ދުރާލާ ވިސާ ޖަހަންޖެހޭނެ އެވެ.

ދިވެހިންނަށް ރާއްޖެއިން ބޭރުގެ ގިނަ ޤައުމުތަކަކަށް ވިސާއާއި ނުލާ ފަސޭހައިން ދަތުރުކުރެވޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ދަނީ ވިސާ ފްރީ އެއްބަސްވުންތައް ގާއިމުކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ވިސާއާއި ނުލައި ދިވެހިންނަށް 30 ދުވަހަށް މޮންގޯލިއާއަށް ދެވޭނެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.