އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހިންދޫންގެ ބަޔަކު މުސްލިމް ދެމަފިރިންނަށް ހަމަލާ ދީ މަރާލައިފި އެވެ.

އެ ދެމަފިރިން މަރާލީ އެމީހުންގެ ފިރިހެން ދަރިފުޅު ހިންދީ ދީނުގެ އަންހެން ކުއްޖަކާ ރައްޓެހިވުމުން އެކަމުގެ ނުރުހުމުގަ އެވެ.

އައްބާސް އަލީ 55، އާ ގަމްރުއް ނިސާ 53 މަރުވީ އެ ދެމަފިރުންގެ ފިރިހެން ދަރިފުޅު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާގެ އާއިލާގެ މެންބަރުން ވެސް ހިމެނޭ ހިންދީންގެ ގުރޫޕަކުން ދަގަނޑު ބުރިތަކުންނާއި ލަކުޑި ފަދަ އެއްޗެތި ބޭނުންކޮށް ގެން ދިން ހަމަލާގަ އެވެ.

އެ އަވަށުގެ ފުލުހުން ބުނި ގޮތުގައި މި މަރާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދެމަފިރިންގެ މަރާ ބެހޭ ގޮތުން އެ އަވަށުގެ ޕޮލިސް ސުޕުރިންޓެންޑެންޓް ޗަކުރޭޝް މިޝްރާ ބުނި ގޮތުގައި އެމީހުންގެ ފިރިހެން ދަރިފުޅު ޝައުކަތު ވަނީ މީގެ ދުވަދސްކޮޅެއް ކުރިން ރޫބީ ކިޔާ ހިންދީ އަންހެން ކުއްޖަކާ ސިއްރުން ކައިވެނި ކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އޭރު އެ އަންހެން ކުއްޖާ އަދި ކައިވެނި ކުރާ އުމުރަކަށް ނާރަ އެވެ. އެ މައްސަލައިގައި ޝައުކަތު ޖަލަށް ލި އެވެ. ގަދަކަމުން އަންހެންކުއްޖާ އާއެކު ގުޅުން ހިންގިކަމުގެ ތުހުމަތު ޝައުކަތަށް ކުރި ކަމަށް ވިއަސް އަންހެން ކުއްޖާ ބަޔާން ދިނީ ޝައުކަތާ އެއްކޮޅަށެވެ. އެހެންކަމުން ޝައުކަތު ޖަލުން ސަލާމަތްވި އެވެ. ހިންދޫންގެ ގުރޫޕުން ރުޅި އިސްކޮށް ޝައުކަތުގެ މައިން ބަފައިން މަރާލީ އޭނާ ޖަލުން ސަލާމަތްވުމުގެ ރުޅީގަ އެވެ.

މިހާދިސާއަކީ އިންޑިއާގެ ވެރިކަމަށް ހިންދޫ ނޭޝަނަލިސްޓް ބީޖޭޕީ 2014 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ މިސާލެކެވެ.