ހަނގުރާމައިގެ ނާމާންކަން ކުރިމަތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިއްބައިދިނުމުގެ މަގްސަދުގައި ބުޅަލަށް ހާއްސަ ކެޓް ކެފޭއެއް އެ ސަރަހައްދުގައި ހުޅުވައިފި އެވެ.
މިއާއު ކެޓް ކެފޭގެ ނަމުގައި ޣައްޒާގައި ހުޅުވި މި ކެފޭއަކީ ޣައްޒާގެ މަގުތަކުގައި އުޅެމުން އަންނަ ބުޅާތަކަށް ކާންދީ އެ ޖަނަވާރުތަކަށް ހިޔާވަހިކަން ލިއްބައިދޭ ތަނެކެވެ.
މިގޮތުގެ މަތިން ބުޅާތައް އެ ތަނުގައި އުޅޭއިރު ޣައްޒާގެ އާއްމު ރައްޔިތުން، ހާއްސަކޮށް ކުޑަކުދިން އެތަނަށް ޒިއާރަތްކޮށް ބުޅާތަކާއެކު ކުޅެހަދަ އެވެ.
ކެފޭގެ ވެރިޔާ ނެހްމާ މަހްމޫދު ބުނީ ބުޅަލަކީ އޭނާގެ ސްޓްރެސްއާއި އެންޒައިޓީ ފިލުވައިދިނުމަށް އެހީވާ ޖަނަވާރެއް ކަމަށާއި އެހެން ކަމުން މިފަދަ ތަނަކުން އާއްމު މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޖަނަވާރުތަކަށް ހާއްސަކޮށްގެން މިފަދަ ތަންތަން ހުޅުވުން އާއްމު ވަމުން އަންނަ ނަމަވެސް ޣައްޒާގައި ހުޅުވި ކެޓް ކެފޭ ހާއްސަވަނީ އެ ސަރަހައްދުގެ ދާޚިލީ ހާލަތަށް ވިސްނާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ކެފޭ ހުޅުވުމާއެކު ގިނަ އަދަދެއްގެ އާއްމުން އެތަނަށް ގޮސް ބުޅާތަކާއެކު ވަގުތު ހޭދަކޮށް ނުތަނަވަސް ދިރިއުޅުމުން ކުޑަ ނަމަވެސް އުފަލެއް ހޯދަ އެވެ.
މިކަމަކީ މަގުމަތިވެފައިވާ ޖަނަވާރުތަކަށް އެހީވުމުގެ އިތުރުން އިންސާނުންނަށް ވެސް އެކި ގޮތްގޮތުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށް ނެހްމާ ބުނެ އެވެ.
ނަހްޔާ އިތުރަށް ބުނީ ތަނުގެ ސާފުތާހިރުކަން ޔަގީން ކޮށް އެ ކެފޭއަކީ އަންނަ މެހެމާނުންނަށް ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އޮޅު ޖަނަވާރު ގެންގުޅުމަކީ ނަފްސާނީ ސިއްހަތު ރަނގަޅު ކޮށްދޭ ކަމެކެވެ. އެގޮތުން ބުޅަލަކީ އޮޅު ޖަނަވާރެއްގެ ގޮތުގައި ގެންގުޅެން ރަނގަޅު އަހަރުމެންގެ އިތުރު ރަސޫލާ ވެސް ލޯބިކުރެއްވެވި ޖަނަވާރެކެވެ.