އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ، ރާއްޖޭން މި ބަލިމަޑުކަމުން އަރައިގަތުމުގެ ފެށުމުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަ ކުރައްވައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެއަށް ގެންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓުގައި "ކޮވިޝީލްޑް"ގެ 100،000 ޑޯޒާއެކު މިއަދު ރާއްޖެ އަންނާނެ ކަމަށެވެ. މިއީ އެ ގައުމުން ދޭ ހަދިޔާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖެއަށް މިއީ މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ފެށުން،" ނަޝީދު ވިދާޅުވި އެވެ.

ސްރީ ލަންކާގެ ތަމަޅަ ޓައިގަރުން 1988 ވަނަ އަހަރު ރާއްޖެއަށް ދިން ހަމަލާ އާއި 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ އާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެން ކެނޑުމުގެ ކާރިސާ އަދި މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގައި ވެސް އިންޑިއާ އަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވި އަދި ބަރޯސާވެވޭ ރަހުމަތްތެރިއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކި ގައުމުތަކުގައި ހުއްދަދީ މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން އުފައްދާ މައި ކާރުޚާނާ ހުންނަނީ އިންޑިއާގެ ޕޫނޭގަ އެވެ. އެއީ ސީދާ އިންޑިއާގެ އުފެއްދުމެއް ނޫނެވެ. މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓް އުފައްދާ އިންޑިއާ އިން އެ ގައުމުގެ އަމިއްލަ ވެކްސިނެއްގެ ގޮތުގައި ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ "ކޮވެކްސިން" އަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިނާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވާތީ އޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން އަންނަނީ ސުވާލު އުދައްދަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. ރާއްޖޭގައި ބޭނުންކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަބަދުވެސް ހުއްދަ ދެނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ވެކްސިންތަކަށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހު އެވެ.