ހަނދުގެ ދެކުނު ތަނޑިއަށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާ އެކު އުޅަނދެއް ތިރިކުރުމުގެ ޝަރަފް އިންޑިއާ އިން މިއަދު ހޯދައިފި އެވެ.

އިންޑިއާގެ ޗަންދްރަޔާން-3 ހަނދުގެ ދެކުނު ތަނޑިއަށް ކާމިޔާބުކަމާ އެކު ތިރިކޮށްފައި ވަނީ މިއަދު ހަވީރު އިންޑިއާ ގަޑިން 18:04 (ރާއްޖޭ ގަޑިން ހަވީރު 5.34) ގަ އެވެ. ހަނދުގެ ދެކުނު ތަނޑީގައި މީގެ ކުރިން ދިރާސާތައް ކޮށްފައެއް ނުވެ އެވެ.

އިންޑިއާ ހިމެނިފައި ވަނީ ކާމިޔާބުކަމާ އެކު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވި ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ހަނދަށް އުޅަނދުތައް ފޮނުވާފައި ވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާ އިންނެވެ.

އިންޑިއާ އިން ކާމިޔާބުކަމާ އެކު ހަނދުގައި އުޅަނދެއް ޖައްސާފައި ވަނީ ރަޝިއާގެ 'ލޫނާ-25' ހަނދަށް ޖައްސަން އުޅެނިކޮށް އެ މިޝަން ފެއިލްވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ބްރިކްސް ސަމިޓުގައި ބައިވެރިވަޑައިގަތުމަށް ސައުތު އެފްރިކާގައި ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޗަންދުރަޔާން -3 ހަނދަށް ތިރިކުރާ މަންޒަރު ވަގުތުން ބައްލަވައިފަ އެވެ. މޯދީ ވިދާޅުވީ "އިންޑިއާ އިން މިހާރު ވަނީ ހަނދުގައި" ކަމަށެވެ.

https://www.youtube.com/watch?v=dim8elzo5vE

އިންޑިއާ އިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ ޗަންދްރަޔާން-2 ޖައްވީ އުޅަނދު ހަނދަށް ތިރިކުރަން މަސައްކަތްކޮށްފަ އެވެ. އެ ފަހަރު އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެ ތިރިކުރަން އުޅުމުގެ ތެރޭގައި ވަނީ މުވާސަލާތީ ގުޅުން ކެނޑި ވެއްޓިފަ އެވެ. ޗަންދުރަރާން-2 އަކީ އިންޑިއާ އިން މިހާތަނަށް ހިންގި އެންމެ އުނދަގޫ މިޝަން އެވެ. ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ތިރިކުރަން ހަމަޖައްސީ ވެސް ހަނދުގެ ދެކުނު ތަނޑިއަށެވެ.

އިންޑިއާގެ ފުރަތަމަ "ހަނދު މިޝަން" - ޗަންދުރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.