އަމީތާބް ބައްޗަންއަކީ ފާޅުގައި އޭނާގެ އާއިލާގެ ވާހަކަތައް ބެލުންތެރިންނާ ހިއްސާ ކުރަމުން އަންނަ ފަންނާނެކެވެ. ބައްޗަން އާއިލާއަކީ، މީޑިއާއާ ވަރަށް ރައްޓެހި ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭ އާއިލާ އެކެވެ.

އެގޮތުން އަމީތާބު ހުށައަޅައިދޭ ޝޯވ "ކޯން ބަނޭގާ ކްރޯރްޕަތީ"ގައި އަމީތާބު އަނެއްކާ ވެސް މިވަނީ އޭނާގެ އާއިލާ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެ ޝޯގެ ތެރެއިން އަމީތާބު ވަނީ އޭނާގެ ދަނބިދަރިފުޅު އައިޝްވާރްޔާ ރާއީއާއެކު ފިލްމީ މަސައްކަތް ކުރުމުގެ ތަޖުރިބާ ކިޔައިދީފަ އެވެ.

2005 ވަނަ އަހަރު ނުކުތް ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ލަވައެއް ކަމަށްވާ ކަޖްރާރޭ އާ ބެހޭގޮތުން ޝޯގެ ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަމީތާބު ބުނީ އައިޝްވާރްޔާއަކީ މޮޅު އެކްޓަރެއް ކަމަށެވެ.

ލަވައިގެ ގޮތުން އެއީ ދަނބިދަރިއަކާއެކު ކުޅެން އެކަށޭނަ ނުވާ ލަވައެއް ކަން ފާހަގަ ކުރަމުން އޭނާ ބުނީ އޭރު އައިޝްވާރްޔާއަކީ އޭނާގެ ދަނބިދަރިއެއް ނޫން ކަމަށެވެ.

އައިޝްވާރްޔާއާއި އަބީޝޭކް ބައްޗަން ކައިވެނި ކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެކައިވެންޏަށް އަލަތު ދަރިފުޅު ލިބިފައިވަނީ 2011 ވަނަ އަހަރު އެވެ.

އަމީތާބުގެ އިތުރުން އަބީޝޭކްއާއި ރާނީ މުކަރްޖީ ފެނިގެންދިޔަ "ބަންޓީ އޯރް ބަބްލީ" އަކީ މާ ކާމިޔާބު ފިލްމަކަށް ނުވި ނަމަވެސް "ކަޖްރާރޭ" އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ.