ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަލްހާން ފުރުން މަނާކޮށް ކޯޓުން އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ބަލަމުން އަންނަ މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް އެ އިދާރާއިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އަލްހާން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާގެ ހިއްސާ އޮންނަ ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑްކުރުމުގެ ނަމުގައި ހިންގި މި ސްކީމުގައި ބައިވެރިވި މީހުންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބައެއް މީހުން ވަނީ އަލްހާން އަދި އެ ކުންފުނީގެ މައްޗަށް ދައުވާ ވެސް އުފުލާފަ އެވެ.
އެ ދައުވާތަކުގެ ތެރެއިން އެއް ދައުވާ ސާބިތުވެ ސިވިލް ކޯޓުންވަނީ ނިމުނު މޭ މަހުގައި އެ ކުންފުނީގެ މައްޗަށް މީހަކަށް 90،000 ރުފިޔާ ދައްކަން ހުކުމްކޮށްފަ އެވެ.
ފުލުހުން ކުރިން މައުލޫމާތު ދިން ގޮތުގައި މި ސްކީމަށް އަލްހާނު ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ. އަލްހާނު ބުނާ ގޮތުން އެ ފައިސާ އަނބުރާ އިންވެސްޓަރުންނަށް ނުދެވުނީ ކުންފުނީގެ ވިޔަފާރިއަށް ދައުލަތުގެ އިދާރާތަކުން ހުރަސްއެޅުމުންނެވެ.