17 އަހަރަށްފަހު ބޮލީވުޑްގެ ދެ މެގަސްޓާރުން ކަމަށްވާ އަމީތާބް ބައްޗަންއާއި ޝާހްރުކް ޚާން ކެމެރާ ކުރިމަތިން އެކުގައި ފެންނަން ކައިރިވެއްޖެ އެވެ.

މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގިފައި ނުވި ނަމަވެސް މިއީ ބެލުންތެރިންނަށް ކަމުދާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ބުނެ އެވެ.

އެ ޕްރޮޖެކްޓަކީ އިޝްތިހާރެއް ކަމަށް މީޑިއާތަކުން ހަބަރު ފަތުރަމުން އައި ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ޔަގީންކަން ދީފައެއް ނުވެ އެވެ.

ޝާހްރުކް ޚާންއާއ އަމީތާބު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2006 ވަނަ އަހަރު ނުކުތް "ކަބީ އަލްވިދާ ނާ ކެހެނާ" އިންނެވެ. އޭގެ ކުރިން އެ ދެތަރިން ވަނީ "ކަބީ ޚުޝީ ކަބީ ގަމް" އިންވެސް އެކުގައި ފެނިފަ އެވެ.

މިދިޔަ އަހަރު ނުކުތް ބްރަހްމާސްތްރަ ފިލްމުގައި އަމީތާބް މުހިއްމު ރޯލެއް ކުޅުނުއިރު އެ ފިލްމުގައި ޝާހްރުކް ގެ ހާއްސަ ފެނިލުމެއް ފެނިގެން ދިޔަ އެވެ.

މިހާރުގެ މަސައްކަތްތަކަށް ބަލާއިރު ޝާހު އޭނާގެ ކުރިއަށް އޮތް ފިލްމު ޖަވާންގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު އަމީތާބް އަންނަނީ "ކޯން ބަނޭގާ ކްރޯރްޕަތީ"ގެ ސީޒަން 15 ހުށައަޅައިދެމުންނެވެ.