ކާމިޔާބު ކަމާއެކު ލޫނާ (ހަނދުގެ) މިޝަން ފުރިހަމަ ކުރުމަށްފަހު އިންޑިއާއިން ސޯލާ (އިރުގެ) މިޝަންއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން ބުނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެގައުމުގެ ފުރަތަމަ ސޯލާ މިޝަން ލޯންޗު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އަދިތުޔާ - އެލް 1ގެ ނަން ދީފައިވާ މި މިޝަން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު އިންޑިއާ ގަޑިން 11:50ގައި ލޯންޗު ކުމަން ހަމަޖެހިފައިވާއިރު އެ ލޯންޗު ބަލަން ބޭނުން ފަރާތްތަކަށް އިސްރޯގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަ ވުމުގެ ފުރުސަތު އޮހް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މި މިޝަން ދުނިޔެއަށްވުރެ 1.4 މިލިއަން ކިލޯމީޓަރު ދުރަށް ދަތުރު ކުރާނެ ކަަމަށް ބުނެވެ އެވެ. މިއީ ހަނދަށްވުރެ ހަތަރު ގުނަ ދުރު ރާސްތާ އެކެވެ.

އިންޑިއާގެ ލޫނާ މިޝަން "ޗަންދްރަޔާން - 3" ކާމިޔާބު ކަމާއެކު ހަނދުގެ ދެކުނު ތަނޑިއަށް ޖައްސާލައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ކާމިޔާބު ކަމާއެކު ލޫނާ މިޝަންއެއް ފުރިހަމަ ކުރެވިފައިވަނީ ދުނިޔޭގެ ހަތަރު ގައުމަކަށެވެ. އެއީ އިންޑިއާގެ އިތުރުން އެމެރިކާ، ޗައިނާ އަދި ސޮވިއެޓް ޔޫނިއަން އެވެ.

ޗަންދްރަޔާން - 3 ގެ ކާމިޔާބަށްފަހު އިންޑިއާގެ ޖައްވީ ޕްރޮގްރާމް ކުރިއަށްވުރެ ވަރުގަދަ ކުރާނެ ކަމަށް މީގެ ކުރިންވެސް އޮތީ ބެލެވިފަ އެވެ.