އީރާނުގެ އިގުތިސާދު އިނދަޖައްސާލުމަށް އެމެރިކާއިން ހިންގާ ކެމްޕޭނުގައި ބައިވެރިވެއްޖެނަމަ، އަވަށްޓެރި ގައުމުތަކަކީ ދުޝްމަނުންގެ ގޮތުގައި ބަލައި، އެ ގައުމުތަކުގެ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ މި އިންޒާރު ދެއްވީ ހޮނިހިރު ދުވަހު އެ ގައުމުގެ ދައުލަތުގެ މީޑިއާ، އައިއާރުއައިބީ އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. ރިޒާއީ ވިދާޅުވީ، އެމެރިކާގެ އިގުތިސާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް ހުރިހާ އަވަށްޓެރި ގައުމުތަކަށް އަންގާ ކަމަށާއި، އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ އެ ގައުމުތަކަކީ ދުޝްމަނުންގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ.
މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އިގުތިސާދީ ފިއްތުންތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ބުދަ ދުވަހު ޓްރަމްޕް ވަނީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އިގުތިސާދީ ފިޔަވަޅުތައް އަޅާނެކަން އިއުލާނުކުރައްވާފަ އެވެ.
ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިޒްރޭލުން ދަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އީރާނުގެ އިގުތިސާދަށް އަމާޒުކޮށް ދިން އިންޒާރުތަކުގެ އިތުރުން، އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކަށް ނުހަނު ބޮޑެތި އިގުތިސާދީ ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ބަސްދީގަތުމުގައި ރިޒާއީ ވަނީ އީރާނުގެ ސަރަހައްދީ އިސްތިރާޖު ތިން މަރުހަލާއަކަށް ބަހާލައި ކިޔައިދެއްވާފަ އެވެ. ފުރަތަމަ މަރުހަލާއަކީ އަވަށްޓެރި ގައުމުތަކާއެކު މަޝްވަރާކޮށްގެން މަސްލަހަތު ގާއިމުކުރުމެވެ. ދެވަނަ މަރުހަލާއަކީ އެމެރިކާއާ ދުރުވުމަށް އެ ގައުމުތަކަށް ނަސޭހަތްތެރިވުމެވެ. ނަމަވެސް، އެމެރިކާގެ ފަޅި ނަގައިގެން ކުރިއަށްދާ ގައުމުތަކަށް އެ ނިންމުން މުރާޖައާ ކުރުމަށް ފުރުސަތު ދިނުމަށްފަހު، ތިންވަނަ މަރުހަލާގައި އެ ގައުމުތަކާ ދެކޮޅަށް އަމަލީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ރިޒާއީ ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕްގެ ސަރުކާރުން އުންމީދު ކުރަނީ އިގުތިސާދީ ފިއްތުންތަކުގެ ސަބަބުން އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ، ގައުމުގެ އެއްބައިވަންތަކަން ގެއްލި، އެމެރިކާގެ އެފް-35 މަތިންދާބޯޓުތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ވަނީ މިދިޔަ ޖޫން 17 ގައި އެކުލަވާލި އެއްބަސްވުން ނާކާމިޔާބުވުމާ ގުޅިގެން ހުއްޓިފަ އެވެ. ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދިފައިވާ ހިލާފަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ. ހަނގުރާމައިގެ ކުރީކޮޅު އީރާނުން އެ ސަރަހައްދުގެ ދަތުރުފަތުރު ހުއްޓުވުމާ ގުޅިގެން ތެލާއި އެހެނިހެން މުދަލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުން މިހާރު ދަނީ ހޮރްމުޒް ކަނޑުއޮޅީގެ ބަދަލުގައި އެހެން ވިޔަފާރި މަގުތައް ހޯދަމުންނެވެ. ނަމަވެސް، އެމެރިކާގެ އިގުތިސާދީ ހަނގުރާމައިގައި ބައިވެރިވާނަމަ، ގަލްފުން ބޭރަށް ތެޔޮ އުފުލާ އެހެން މަގުތަކަށް ވެސް އީރާނުން ހަމަލާދޭނެ ކަމުގެ އިންޒާރު ރިޒާއީ ދެއްވި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެމެރިކާގެ ފިޔަވަޅުތަކަކީ އދ. ގެ މެންބަރު ގައުމުތަކުގެ ސިޔާދަތީ ބާރުތަކަށް އަރައިގަތުން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. މީގެއިތުރުން، އެމެރިކާގެ ހަމަލާތަކަށް ތާއީދުކުރާ ޔޫރަޕްގެ ގައުމުތަކަށް ވެސް އީރާނުން ހަމަލާދީފާނެ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފަ އެވެ.
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
6 އަހަރަށްފަހު ޕްރިންސް ހެރީއާއި މޭގަން އިނގިރޭސި ވިލާތަށް!
