މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުން ތެރެއިން ކުރިން ބަންޑާރަ ގޯތި އޮތް މީހުން އެ ގޯތި ދޫކޮށްލުމަށް ފަސް އަހަރުގެ މުއްދަތެއް ދީފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުންނަކީ މީގެ ކުރިން ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއް ނަމަ އެ ގޯތި ދޫކޮށްލުމަށް މީގެ ކުރިން އޮތް މުއްދަތަށް ސަރުކާރުން މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެބިން ދޫކޮށްލުމަށް ފަސް އަހަރު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ބިންވެރިޔާ" ސްކީމްގެ އެއް ޝަރުތަކީ ވެސް މާލޭގައި މިހާރު މާލޭގައި ގޯއެއްޗެއް އޮތް މީހެއް ނަމަ ނުވަތަ ގޯއްޗަކުން ވާރުތަވާ ބައެއް އޮތް ނަމަ އެ ބައި ދޫކޮށްލަން އެއްބަސްވުމެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެ އެވެ. އެއީ 9000އަށް ވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެ އެވެ.

މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެ އެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ސަރުކާރުން މިހާރު އަންނަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތީގެ ރެޖިސްޓްރީ ހަވާލުކުމުގެ މަސައްކަތް ކުރަމުންނެވެ.