ހުކުރު ދުވަހަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމުކޮށް އާއިލީ ބައްދަލުވުންތަކާއި އެނޫންވެސް އެކި ކަހަލަ ރޭވުންތައް ރާވަން އޮންނަ ދުވަހެވެ. ވާނީވެސް އެހެންތާ އެވެ. އާއިލާގެ އެންމެންނަށް އެއްދުވަހަކަށް ޗުއްޓީ ލިބެނީ ވެސް އެދުވަހު އެވެ. އެހެން ކަމުން ޒަމާނުއްސުރެ ހުކުރު ދުވަސް ބެލެވިފައި އޮންނަނީ މަގުތައް ހަލަބޮލި، ކާރުބާރޫ ބޮޑު ދުވަހެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ހުކުރު ދުވަހު ވެސް ގެއިން ބޭރަށް ނުނުކުމެ ގޭތެރޭގައި އުޅެން ބޭނުންވާ ބަޔަކު ވެސް އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް އުޅެ އެވެ. ލިބޭ ޗުއްޓީ ދުވަހު އާއްމުންގެ ތެރެއަށް ނުކުމެ އުޅުމުގެ ބަދަލުގައި ގޭގައި ހޭދަ ކުރަން އެމީހުން މާ ލޯބިކުރެ އެވެ.
އެފަދަ މީހުންގެ ތެރޭގައި ގިނައީ އަމިއްލަ އޮފީސްތަކުގައި އުޅޭ މީހުންނެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުކުރު ދުވަހު ބޭރަށް ގޮސް އުޅުމަށްފަހު އަރާމު ކުރަން ހޮނިހިރު ދުވަސް ލިބުނު ނަމަވެސް އަމިއްލަ އޮފީސްތަކުގައި އުޅޭ މުވައްޒަފުން ކުރަން ހުންނަ ހުރިހާ ކަމެއް ކުރަން ގިނަފަހަރަށް ލިބޭ ހަމައެކަނި ދުވަހަކީ ހުކުރު ދުވަހެވެ.
މިފަދަ މީހުންނަކީ ކަންނެތް މީހުންނޭ ނުވަތަ ފޫހި މީހުންނޭ ބުނެވެނީ ވެސް މަދަކުން ނޫނެވެ. އާއިލާ ނުވަތަ ރަހުމަތްތެރިން ހުކުރު ދުވަހަށް ރާވާ ރޭވުންތަކުގައި ބައިވެރި ނުވާނަމަ އެ މީހަކު ވަނީ މީހުންނާ ނުގުޅޭ އަމިއްލަ އެދުން ބޮޑު މީހަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ "ފޮނި" މީހަކަށެވެ.
އެހެން ނަމަވެސް މިގޮތަށް ލިބޭ އެންމެ ދުވަހަކު ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަކީ މުޅިން ގޯސްކަމެއް ކަމުގައި ބުނެވޭކަށް ނެތެވެ. އެކަމުގައި ވެސް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމަށް ބޭރުގެ ސިއްހީ މާހިރުން ވެސް ބުނެފައިވެ އެވެ. އެކަންކަމަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަކަށް ހަފްތާގެ ހަ ދުވަހު ވަޒީފާ އަދާކުރުމަކީ ސިކުނޑި އިންތިހާއަށް ވަރުބަލި ކުރުވާ ކަމެކެވެ. އެހެން ކަމުން އެ ލިބޭ ހަމަ އެންމެ ދުވަހަކީ ސިކުނޑީގެ ހަމަޖެހުމާއި އަރާމަށް ހާއްސަ ދުވަހަކަށް ހެދުމަކީ ޖެހިގެން އޮތް ހަފްތާއަށް ތައްޔާރުވާން ކުރުން ހަމަ އެންމެ ރަނގަޅު ކަމެކެވެ.
ހަމައެއާއެކު އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް ދިރިއުޅުމުގެ ހަލަބޮލިކަމުން އެކަހެރިވެ އެކަނި ވަގުތު ހޭދަ ކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ އެންމެ ބޮޑު ހަދިޔާ އެވެ. މިއީ އަމިއްލަ ނަފްސުގެ ކުރިއެރުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި މުހިއްމު ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
ކާރޫބާރޫ ބޮޑު މާހްއުލަކަށް ނުކުމެ މީހުންގެ ތެރޭގައި މާ ގިނައިން އުޅުމަކީ ހަމަ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެއީ އެންޒައިޓީއާއި ސްޓްރެސް ފަދަ ކަންކަމަށް މަގުފަހި ކުރުވާނެ ކަންކަމެވެ. އެހެން ކަމުން ބޭނުންނުވާނަމަ އެފަދަ ތަންތަނަށް ނުކުންނަން އެ މީހުންނަށް މަޖުބޫރު ކުރުވުމަކީ ގޯހެކެވެ.
ކަން މިހެން އޮތް ނަމަވެސް ގޭގައި ހޭދަކުރާ ވަގުތު ވެސް އުފެއްދުންތެރި ގޮތުގައި ހޭދަކުރަން ވިސްނަން ޖެހެ އެވެ. މީހުން ތެރެއަށް ނުނުކުމެ ގޭގައި ނިދަން ނުވަތަ އަބަދު ފިލްމެއް ބަލަން އޮތުމުގެ ބަދަލުގައި ފޮތެއް ކިޔާލައި ތިމާގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށް ނުވަތަ އަމިއްލަ ނަފްސަށް ފައިދާހުރި ކަމެއްގައި ޝާމިލު ވުމަކީ އެންމެ ރަނގަޅު ގޮތެވެ.
ހަމައެއާއެކު ދެން ފާހަގަ ކުރަން ޖެހޭ ކަމަކީ ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމެވެ. ގޭގައި އުޅެން ބޭނުން ވިޔަސް ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ގޭގައި އުޅުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ އެވެ. ހުކުރު ދުވަސް ނޫނަސް ހަފްތާގެ ކޮންމެވެސް ދުވަހަކު ކޮންމެވެސް ވަގުތު ކޮޅެއް ބޭރަށް ނުކުމެ އުޅެލުމަކީ އެކަމުގައި ވެސް އޭގެ އަމިއްލަ ފައިދާތަކެއް އެކުލެވޭ ކަމެކެވެ.
އެހެން ކަމުން ވިސްނަންވީ ކަމަކީ ކޮންމެ ކަމެއްގައި ވެސް އެކަށޭނަ މިންގަނޑެއް ގެންގުޅުމަށެވެ. ދިވެހިންގެ ބޯދާ ބުނުމެއްގައި ބުނާ ފަދައިން "އަޅައިފި އަތަކަށް މަރު" ނުވުމަށެވެ. ތިމާގެ ހުސްވަގުތު އަމިއްލަ ނަފްސަށާއި އާއިލާ އަދި ރައްޓެހިންނަށް އެއްވަރަށް ބަހާލުމަށެވެ.
ވަގުތަކީ އަގުހުރި އެއްޗެކެވެ. ގެއްލުނު ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެހެން ކަމުން ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަކީ އެންމެ މޮޅު ގޮތެވެ. ގޭތެރޭގައި ވިޔަސް ގެއިން ބޭރުގައި ވިޔަސްމެ އެވެ. ބަލަންވީ ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް އެ ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރެވޭތޯ އެވެ.