އިންޑިއާގެ އަތްދަށުގައި އޮންނަ ކަޝްމީރުގައި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ ކަންތަކާ މެދު ލިޔެފައިވާ ލިއުމެއްގެ މައްސަލައިގައި އިންޑިއާ އިން ބީބީސީއަށް އިންޒާރު ދީފި އެވެ.

ކަޝްމީރުގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބީބީސީގެ އިންސާފުން އެއްކިބާވެފައިވާ އަމަލާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ އެވެ.

އިނގިރޭސި ނޫސް އެޖެންސީ ބީބީސީގައި ޝާއިއު ކޮށްފައިވާ ލިއުމުގެ ސުރުޚީގައި ވަނީ "ކޮންމެ ލިއުމަކީ ވެސް އެންމެ ފަހުގެ ލިއުން ކަމުގައި ވެދާނެ" ކަމަށެވެ. ކަޝަމީރުގައި ނޫސްވެރިކަމާ ދެކޮޅަށް ފުލުހުން ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން ލިޔެފައިވާ އެ ލިއުމުގައި ޓެރަރިޒަމްގެ ތުހުމަތު އަޅުވައި ފުލުހުން ހައްޔަރު ކޮށްފައިވާ ރިޕޯޓަރުންނާ ބެހޭ މައުލޫމާތު ހިމަނައިފައިވެ އެވެ. އެ ނޫނަސް ދުވަހުން ދުވަހަށް ރިޕޯޓަރުންނަށް ފުލުހުން ކުރާ ފުރައްސާރަ އާއި ޖެއްސުންތަކުގެ ވާހަކަ ވަރަށް ތަފުސީލުކޮށް އެ ލިޔުމުގައިވެ އެވެ.

ޖައްމޫ އާއި ކަޝަމީރުގެ ޕުލުހުން އެކްސް (ޓުވިޓާ) ގައި އާންމު ކުރި ބަޔާނެއްގައިވާ ގޮތުން ބީބީސީގެ ލިއުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ ލިއުމެކެވެ. އެ ލިޔުމުގެ ސަބަބުން ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ފުލުހުން ހިންގާ ހަރަކާތްތަކަށް ހުރަސް އެޅޭ އެވެ. އެ ބަޔާނުގައި އިތުރަށް ލިޔެފައިވާ ގޮތުގައި ބީބީސީ ވަނީ ވަކިފަރާތަކަށް ނުޖެހި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރުމުގައި ފެއިލްވެފަ އެވެ. އެހެންކަމުން އެ އޭޖެންސީގެ މައްސަލަ ކޯޓަށް ގެންދާނެ ކަމުގައި ވެސް ބަޔާނުގައިވެ އެވެ.

އެއް އަހަރު ވަންދެން ބީބީސީ އިން ކުރި ދިރާސާ އަކަށް ފަހު ލިއުނު ރިޕޯޓު މިދިޔަ ހުކުރު ދުވަހު ޝާއިއު ކުރުމުގެ އެއް ދުވަސް ކުރިން ކަޝްމީރުގެ މިނިވަން ނޫސް އެޖެންސީ އެއްކަމުގައިވާ ކަޝްމީރީ ވައްލާގެ ވެބްސައިޓް ސަރުކާރުން ވަނީ ބޮލޮކް ކޮށްފަ އެވެ.

ކަޝްމީރުގައި ނޫސްވެރިން ހައްޔަރު ކުރުމާ ތަފާތު ދައުވާތައް ކުރުމަކީ ބީޖޭޕީގެ ވެރިކަމުގައި އާންމު ކަމެކެވެ.