އިންޑިއާގެ ނަން ރަސްމީކޮށް "ބަހާރަތު"ގެ ނަމަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް އެގައުމުގެ އިސް ފަރާތްތަކުގެ މެދުގައި ފެތުރެން ފަށައިފި އެވެ. މިއަޑު ފެތުރެން ފެށީ ޖީ 20 ގެ ސަމިޓުގެ މެހުމާނުނަށް އިންޑިޔާގެ ރައީސްގެ ނަންފުޅުގައި ފޮނުއްވި ދައުވަތު ކާޑުގައި ބަހާރަތުގެ ރައީސް ލިޔެފައި އޮތުމުންނެވެ.

އިންޑިއާގެ ވެރިކަން ކުރާ ހިންދޫންގެ ހަރުކަށި ވަތަނީ ޕާޓީ، ބީޖޭޕީ ވެރިކަމަށް އައި ފަހުން އެގައުމުގެ ނަން ރަސްމީކޮށް އިންޑިއާގެ ބަދަލުގައި ބަހާރަތަށް ބަދަލުކުރުމުގެ އަޑުތައް އަންނަނީ އިވެމުންނެވެ.

ޖީ20 ގެ ދައުވަތު ކާޑުގެ ޚަބަރު ފެތުރުމާއެކު އެ ގައުމުގެ ކުރީގެ މިނިސްޓަރު ކަމާއި އިދިކޮޅު ކޮންގްރެސްގެ ލީޑަރުކަން ކުރައްވައިފައިވާ ޖައިރާމް ރަމޭޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެހެންވީމާ މި އިވޭ އަޑަކީ ހަގީގަތެއް" ކަމުގަ އެވެ. ބީޖޭޕީގެ ބައެއް ސިޔާސީ ލީޑަރުން ވަނީ އެމީހުންގެ އެކްސް (ޓުވިޓާ)ގެ ލޮކޭޝަން ވެސް ބަހާރަތަށް ބަދަލުކޮށްފަ އެވެ.

ބަހާރަތަކީ އާންމު ގޮތެއްގައި އިންޑިއާއަށް ހިންދީ ބަހުން ބޭނުންކޮށް އުޅޭ ބަހެކެވެ. އެބަހުގެ އަސްލު މުސްކުޅި ސާންސްކްރިތާ ހަމަޔަށް ދެމިގެން ދެއެވެ. އިންޑިއާގެ ވެރިކަމަށް 2014 ވަނަ އަހަރު ބީޖޭޕީ އައި ފަހުން ބަހާރަތު އިންޑިއާގެ ރަސްމީ ނަމަކަށް ބަދަލުކުރުމުގެ ބަހުސް އަންނަނީ ކުރެވެމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި މަހުގެ ފަހުކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއަށް ނަން ބަދަލުކުރުމުގެ މައްސަލަ ސަރުކާރުން ހުށަހަޅާނެ އެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ސަޝީ ތަރޫރު ވިދާޅުވި ގޮތުގައި އިންޑިއާއަށް ބަހާރަތު ކިއުމާ މެދު ގާނޫނީ ހުރަހެއް ނެތްއިރު ރަސްމީކޮށް އިންޑިއާގެ ނަން ބަހާރަތަށް ބަދަލުކުރުމަކީ އެއްވެސް ބޭނުންކަމެއް ނޫނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެތައް ޒަމާނެއް ވަންދެން ބޭނުންކޮށް ގާއިމުވެފައިވާބްރޭންޑް ނަމެއް ބަދަލުކުރުން ފަދަ މޮޔަކަމެއް ސަރުކާރުން ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ އެންމެ ފުރަތަމަ ޖުމްލަ ފެށިފައި ވަނީ "އަހަރެމެން އިންޑިއާގެ ރައްޔިތުން" މިފަދައިންނެވެ. 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ނަމަކަށް ރަސްމީ ގޮތުން ބޭނުން ކުރަމުން އަންނަނީ އިންޑިއާ އެވެ.