އަތަށް ގެނެވޭ ކުޑަކުޑަ ދެ ހަރަކާތަކުން އެޅޭ އެ ފާހަގައަކީ މާދަމާ ތިމާއާއި ތިމާގެ އާއިލާގެ ކުރިއަށް އޮތް ފަސް އަހަރުގެ ކުރިމަގަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެ ހެޔޮ ފާހަގައަކީ ގައުމުގެ ކުރިމަގު ބައްޓަންކުރަން ތިމާގެ ދައުރެވެ. އެހެން ކަމުން މާދަމާ އެ ހެޔޮ ފާހަގަ ޖަހަންވާނީ އެކަމަށް ތައްޔާރު ވެގެންނެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު އެ އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ މެނިފެސްޓޯ މިހާރު ވަނީ އާއްމުވެފަ އެވެ. އަމިއްލަ މުސްތަގްބަލާއި ގައުމުގެ ތަރައްގީއަށް އެންމެ އެދެވޭ ރޭވުންތަކެއް ހުރީ ކޮން ކެނޑިޑޭޓެއްގެ މެނިފެސްޓޯގައިތޯ އަމިއްލަ ސިކުނޑިން ވިސްނާލުން ރަނގަޅުވާނެ އެވެ.
ވޯޓަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ހައްގަކަށް ވާއިރު ލިބޭ ވަގުތީ މަންފާއަކަށްޓަކައި އެ ވޯޓުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކުރުމަކީ ގައުމަށް ކުރެވޭ ބޭއަދަބެކެވެ. ވަކި ބައެއްގެ ބަހަށް ހެއްލި ނުވަތަ ހުށައެޅޭ ފައިސާތަކެއްގެ ދަހިވެތި ކަމުގައި ތިމާގެ ފާހަގަ ވިއްކާލުމަކީ ގައުމީ ޒިންމާއަށް ވެވޭ ޣައްދާރެކެވެ.
ބަލަންވީ މަގުތަކުގައި އެންމެ ގިނައިން ދިދައާއި ބެނާ ދަމާފައި ހުރީ ކޮން ކެނޑިޑޭޑެއްތޯއެއް ނޫނެވެ. ނުވަތަ ޕޯޑިއަމްތަކަށް އަރައި އެންމެ އަޑުގަދަކޮށް ވާހަކަ ދެއްކީ ކޮން ކެނޑިޑޭޓެއްތޯއެއް ވެސް ނޫނެވެ. ނޫނީ ތިމާ ސަޕޯޓުކުރާ ސިޔާސީ ޝަހުސިއްޔަތެއް އެ ކެނޑިޑޭޓެއްގެ ފަހަތުގައި ހުރީ ކޮން ކެނޑިޑޭޓެއްތޯ އެއް ވެސް ނޫނެވެ.
ބަލަންވީ ދިވެހި މި ގައުމުގެ އަމިއްލަވަންތަ ކަމާއި ސިޔާދަތު ނެގެހެއްޓޭނީ ކޮން ކެނޑިޑޭޓެއްތޯ އެވެ. ދިވެހި ގާނޫނާއި އިސްލާމްދީނުގެ އުސޫލުތަކުގެ މަތިން ގައުމު އިސްލާހުކޮށް ހެޔޮ މަގަށް އެޅުވޭނީ ކޮން ކެނޑިޑޭޓެއްތޯ އެވެ. ދިގު މުއްދަތުގެ ރޭވުމެއްގެ ދަށުން ދިވެހި ރައްޔިތުންގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އިތުރު ކޮށްދެވޭނީ ކޮން ކެނޑިޑޭޓަކަށްތޯ އެވެ.
މާދަމާ ލެވޭ ހެޔޮ ފާހަގައަކީ ގައުމުގެ މުސްތަގްބަލަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާ އެކެވެ. ގައުމެއް ކުރިއަރާނީ އެ ގައުމެއްގެ ވެރިކަމުގައި ކަމަށް ގާބިލު ހެޔޮ ވިސްނޭ ބަޔަކު ތިބެގެން ކަން ގައިމެވެ. ވީއިރު މި ޝަރުތުތައް އެންމެ ރަނގަޅަށް ހަމަވަނީ ކޮން ކެނޑިޑޭޓެއްތޯ އަމިއްލައަށް ނިންމުން އެއީ އެންމެ ހެޔޮ ގޮތެވެ.
އެހެން ކަމުން މާދަމާ އެ ހެޔޮ ފާހަގަ ލުމުގެ ކުރިން އަދި އެއް ފަހަރު ގައުމާއި އަމިއްލަ ދިރިއުޅުމުގެ ކުރިމަގަށް ވިސްނާށެވެ. ތިމާ އެދޭ ބަނދަރަކަށް ދެވޭނީ ކޮން އޮޑިވެރިއެއްގެ އޮޑިއަށް އަރައިގެންތޯ މިނެ ކިރާށެވެ. ފަސް އަހަރުން އެއްފަހަރު ލިބޭ މި ފުރުސަތު ގެއްލުވާނުލާށެވެ.