ފްރާންސްގެ ސްކޫލް ތަކުގައި އަބާޔާލުން މަނާކުރުމާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލަ އެގައުމުގެ ސަރުކާރާ އެއްކޮޅަށް ނިންމައިފި އެވެ.
ފްރާންސްގެ ސަރުކާރުން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް އެޕީލްކުރުމަށް ހުންނަ އެންމެ މަތީ ކޯޓު، ސްޓޭޓް ކައުންސިލުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި އަމިއްލަ ޖަމާއަތަކުން ސަރުކާރުގެ އަބާޔާ މަނާކުރުމާ ދެކޮޅަށް ހުށަހެޅި ހުށަހެޅުން އެކޯޓުން ވަނީ ބޭރު ކޮށްލައިފަ އެވެ. ސަރުކާރުގެ ނިންމުން މުސްލިމުންނާ މެދު ތަފާތުކުރާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމާ މެދު އެކޯޓުން ދެކެނީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ފްރާންސްގެ ސަރުކާރުން ސްކޫލުތަކުގައި އަބާޔާ މަނާކުރީ ތައުލީމީ ދާއިރާގައި އޮންނަން ގާނޫނުގައި ލާޒިމުކުރާ ސެކިއުލަރިޒަމް ދެމެހެއްޓުމަށް ކަމަށް ބުނެ އެވެ.
މައްސަލަ ވެއްދި ޖަމާއަތުން ވަކާލާތު ކުރާ ގޮތުގައި ސަރުކާރުގެ ނިންމުމަކީ މުސްލިމުންނަށް ތަފާތުކުރުމަށް ކުރިކަމެކެވެ. އެކަމުގެ ސަބަބުން ނަސްލީ ގޮތުން ދިމާ ކުރުމާއި ރުޅިވެރިކަން އުފެދުން ފަދަ މައްސަލަތައް ނިކުންނާނެ ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.
އެ ޖަމާއަތުގެ ލޯޔަރު ވިންސެންޓް ބްރެންގާތު ކޯޓުގައި ވަކާލާތު ކުރިގޮތުގައި އަބާޔާއަކީ ދީނީ ހެދުމެއްގެ ގޮތުގައި ބެލެވިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އަބާޔާ ބެލެން ޖެހޭނީ ސަގާފީ ހެދުމެއްގެ ގޮތުގަ އެވެ.
އޭނާ ތުހުމަތު ކުރި ގޮތުގައި ސަރުކާރުން އަބާޔާގެ މައްސަލަ ނަގައިގެން އުޅެނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގަ އެވެ.
އެ ޖަމާއަތުގެ ރައީސް ޝިހާމް ޒައިން ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުމަކީ ވަކި ޖިންސަކަށް ބުރަވެފައިވާ ނިންމުމެކެވެ. ސަބަބަކީ އެ ހެދުމަކީ ހަމައެކަނި އަންހެނުންލާ ހެދުމަކަށްވުމެވެ. ހަމަ އެފަދައިން އެ ނިންމުން ނިސްބަތް ވަނީ އަރަބިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްރާންސްގެ ސްކޫލްތަކުގައި އަބާޔާ މަނާކުރުމަށް ފަހު ގިނަ އަދަދެއްގެ މުސްލިމް ކުދިން ކްލާހަށް ވަނުން ވަނީ މަނާ ކޮށްފަ އެވެ.