މައިންބަފާއިންނާއި ދަރިން އެކީގައި އުފާވެރިކޮށް އުޅޭ އާއިލާތަކުގެ ކުދިންނަށް ވުރެ ބޮޑަށް، ކައިވެނި ރޫޅިފައިވާ ނުވަތަ އަރާރުންވުން ގިނަ އާއިލާތަކުގެ ދަރިން ފަލަވުމުގެ މައްސަލަ ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޑިމޮގްރަފީ ޖާނަލްގައި ޝާއިއުކޮށްފައިވާ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގެ ޓީމަކުން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ދަރިންގެ އުމުރުން ހަ އަހަރުވުމުގެ ކުރިން އާއިލާ ރޫޅިއްޖެ ނަމަ އެ ކުދިންނަކީ ފަލަވުމުގެ ފުރުސަތު ބޮޑު ކުދިންނެވެ.

ރޫޅިފައިވާ އާއިލާތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދަރިންނަށް އެކަށީގެންވާ ވަރަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހޯދައި ނުދެވުމާއި އެކަނިވެރި މައެއް ނުވަތަ ބަފައެއްގެ ގޮތުން މަސައްކަތް ކުރަން ޖެހުމުން ބުރަކޮށް ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމުން ދަރިންނަށް ރަނގަޅު ކާނާ ދޭން ވަގުތު ނުވުން ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެއާއެކު މި ލިސްޓުގައި، ދަރިންގެ އިތުރު ހަރަކާތްތަކުގައި ބައިވެރި ކުރުވަން މާލީ ގޮތުން ފުދުންތެރި ނުވުމާއި ދަރިންނާ އެކު "ކޮލިޓީ" ވަގުތު ހޭދަކޮށް، ކެއުމުގެ ރަނގަޅު އާދަތައް ދަސްކޮށް ދޭން ވަގުތު ނުވުމާއި ޖަޒުބާތީ ގޮތުން ކުރިމަތިވެފައިވާ ހިތްދަތިކަމުގެ ސަބަބުން ދަރިންނަށް އެކަށީގެންވާ ވަރަށް އަޅާ ނުލެވި މާ ގިނައިން ކާން ދެވުމާއި ހަކުރާއި ތެޔޮ ފަދަ އެއްޗެހި އެކުލެވޭ ކާނާތައް ދެވުން ހިމެނެ އެވެ.

.މިފަދަ ސަބަބުތަކާ ހެދި، ރޫޅޭ އާއިލާތަކުގެ ދަރިން ކުރު މުއްދަތެއްގެ ތެެރޭގައި ފަލަވާން މަގުފަހިވާ ކަމަށް ދިރާސާގައި ބުންޏެވެ. އެގޮތުން އުމުރާއި އިސްކޮޅާ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ދަރިން ފަލަވުމުގެ އިތުރަށް އާއިލީ މައްސަލަތަކުގެ ސަބަބުން އާދަޔާހިލާފަށް ދަރިން ފަލަވުމުގެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުޅަހެޔޮ ކުދިންތަކެއް ބިނާކޮށްގެން ނޫނީ ދުޅަހެޔޮ ޖީލެއް ވެސް ބިނައެއް ނުކުރެވޭނެ އެވެ. އެހެންވެ އާއިލީ ގުޅުން، ވަކިން ހާއްސަކޮށް ދަރިން ތިބި ދެމަފިރިއެއްގެ ކައިވެނީގެ ބަދަހި ކަމަކީ ވަރަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.