ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅުން ކަނޑު ދޫކޮށްލީކަން ސާފުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިއްރު ސިޓީފުޅު އާންމު ނުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އެ ސިޓީ ބަޔަކު ވަނީ ޝޯސަލް މީޑިއާގައި އާންމުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ކަށަވަރު ކޮށް ދީފަ އެވެ.
އެ ސިޓީއާ ގުޅޭގޮތުން ދުންޔާ ވިދާޅުވީ ސިޓީގެ ދެވަނަ ޕެރާގްރާފުގެ ފުރަތަމަ ޖުމްލަ ކިޔާލީމުމުން މި މައްސަލަ ދަންނަ ކޮންމެ މީހަކަށް ވެސް ކަނޑު ދޫކޮށްލީކަން ސާފުކޮށް އެނގޭނެ ކަމަށެވެ. ދުންޔާ އެ އިޝާރާތް ކުރެއްވީ ފޯޅަވަހީގެ މައްސަލާގައި ކުރީން ގެންގުޅުނު ސްޓޭންޑް ސަރުކާރުން ބަދަލުކުރި ކުރުމަށެވެ. މި ސަރުކާރުން ދޫކޮށްލީ އެތައް އަހަރެއް ވަންދެން ރާއްޖެއިން ދެމެހެއްޓި ސިޔާސަތު ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
"ތިޔަސިޓީގެ 2ވަނަ ޕެރާގެ ފުރަތަމަ ޖުމްލަ ކިޔާލީމާ މިމައްސަލަ ދަންނަ ކޮންމެމީހަކަށް އިނގޭނެ ކަނޑު ދޫކޮށްލީކަން. އެތައް އަހަރެއްވަންދެން ދެމެހެއްޓީ ސިޔާސަތު ދޫކޮށްލީ. ރާއްޖޭގެ އީއީޒެޑް އެއޮތީ ގާނޫނު 6/96 އިން ކަނޑައަޅާފަ. އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ އެމްއެންޑީއެފް އާ އެއޮތީ ގާނޫނު އަސާސީގައި 243ހ އިން ހަވާލުކޮށްފަ." ދުންޔާ ވިދާޅުވި އެވެ.
ރާއްޖޭން މޮރިޝަސް އަށް ފޮނުވި ސިޓީއަކީ ކަނޑުގެ ބައެއް ދޫކޮށްލުމަށް ފޮނުއްވި ސިޓީއެއް ކަމަށް ބުނެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އަދި ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ އެއީ އެވެ.
ސިޓީ ސޯޝަލް މީޑިއާގައި އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކަށް ރައްދު ނުދެވުން ކަމަށާއި، ދެވަނަ ބުރުގެ ކެމްޕޭނުގައި ހާމަކުރަން ހުރި ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅާއި ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައީ ކަނޑުން ބައެއް ދޫކޮށްލާފައި ނުވާނެ ކަމަށާ ސިޓީފުޅުގައި ދިވެހީންނާއި ގައުމަށް ގެއްލުވާނެ އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމަށެވެ.
ރައީސް މޮރިޝަޝް އަށް އެ ސިޓީ ފޮނުއްވީ 2022 ވަނަ އަހަރުގެ އޯގަސްޓު 22، ވަނަ ދުވަހު އެވެ.