ފުވައްމުލަކުގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެގެން މާލެ ގެނައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ރަށުގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓު ހާދިސާއެއް ހިނގާފައިވާ ކަމަށް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ދިނުމަށް މި މަހުގެ 10 ވަނަ ދުވަހު މާލެ ގެނެސް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ މަރުވެފައިވާ ކަަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި މަރުވީ އެ ރަށު މިސްކިތްމަގު އަވަށު ދެބުދާރުގެ، އިސްމާއިލް ހަސަން 30، އެވެ.

އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.