ތާލިބާނުގެ ވެރިކަން ފެށުނު ފަހުން އެ ގައުމަށް ޗައިނާ އިން އައްޔަން ކުރި ފުރަތަމަ އެމްބެސެޑަރަށް އަފްޣާނިސްތާނުން މަރުހަބާ ކިޔައިފި އެވެ.

ކާބުލްގައި ހުންނަ ޗައިނާގެ މިޝަންގެ ވެރިއެއްގެ ގޮތުގައި ޒައޯ ޝެން އައްޔަން ކުރުމުން ޗައިނާ ހިމެނިފައި ވަނީ އަފްޣާނިސްތާނުގައި ބަރާބަރަށް މަސައްކަތް ކުރާ ޑިޕްލޮމެޓިކް މިޝަނެއް ހުޅުވި ފުރަތަމަ ގައުމަށެވެ. ޗައިނާ އިން މި އެމްބަސީ ހުޅުވީ އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތް މައްޗަށް ދިޔަތާ ދެ އަހަރު ފަހުންނެވެ.

ޗައިނާގެ އެމްބެސެޑަރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ބުދަ ދުވަހު އެވެ. އެ ރަސްމިއްޔާތަށް މިސްޓަ ޒާއޯ ކާބުލްގެ ޕްރެޒިޑެންޝަލް ޕެލަސް އަށް ހާޒިރުވެވަޑައިގެންވި އިރު މަގުގެ ދެ ފަރާތުގައި ޔުނިފޯމުގައި ސިފައިން އެތުރިގެން ތިއްބެވެ. އޭނާ އަށް މަރުހަބާ ދެންނެވުމަށް ތާލިބާން ސަރުކާރުގެ ހުރިހާ އިސް ލީޑަރުން ތިއްބެވި އެވެ. އެ ރަސްމިއްޔާތަށް ފަހު އޮތް ރިސެފްޝަނުގައި ތާލިބާން ސަރުކާރުގެ ރޫހާނީ ލީޑަރު މުހައްމަދު ހަސަން އަޚުންދާއި ފޮރިން މިނިސްޓްރީގެ މިނިސްތަރެއް ކަމުގައިވާ އާމިރ ޚާން މުއްތަގީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގެ ފޮޓޯ ޝެއާ ކުރައްވަމުން މުއްތަގީ ލިއުއްވާފައިވާ ގޮތުގައި ޗައިނާ އިން އޭނާގެ ގައުމަށް އެމްބެސެޑަރަކު އައްޔަން ކުރުމަކީ ވަރަށް މުހިންމު މެސެޖެއް އެކަމުން ލިބޭ މުހިންމު މުނާސަބަތެކެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާ އާއި އަފްޣާނިސްތާނުގެ ގުޅުން ހުރިހާ ދާއިރާއެއްގައި ވެސް އިތުރަށް ބަދަހި ކުރުމަށް ބޭނުންވާ އެއްބާރުލުން ފޮރިން މިނިސްޓްރީގެ ފަރާތުން ލިބޭނެ އެވެ.

ތާލިބާން ސަރުކާރުގެ އިސް ތަރުޖަމާން ޒައިބުﷲ މުޖާހިދު ވިދާޅުވީ ޗައިނާގެ ފަހަތުން އެހެން ގައުމުތައް ވެސް އެ ގައުމާ އެކު ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަދަހި ކުރެވޭ ގުޅުންތަކުގެސަބަބުން ގިނަ މައްސަލަތަކެއް ހައްލު ވެގެން ދާނެ ކަމުގައި އެވެ.

އެމްބެސެޑަ އައްޔަން ކުރުމާ ބެހޭ ގޮތުން ޗައިނާ ސަރުކާރުގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.