ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދަރަންޏަށް ނެންގެވި ފައިސާގެ މައްސަލައިގައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ މައްޗަށް ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުކޮށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ދިޔާނާ ހުށައެޅުއްވި މައްސަލާގައި ވަނީ، މެމްބަރު ޖާބިރުގެ ޑީއާރުޕީން ކޮށްފައިވާ ޓުވީޓެއްގައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ޖާބިރު ރައީސް މައުމޫނަށް ދެއްވި 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާއާއި ރައީސް މައުމޫންގެ ފަރާތުން ހަވާލުވެވެވަޑައިތަގީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ކަމަށާއި އެ ފައިސާ މައުމޫނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާތީ، ފާރިސް މައުމޫން އެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށާއި އެ މައްސަލަ ބައްލަވާ ދިނުމަށެވެ.

އެ ފައިސާ ހަވާލުކުރުމުގެ ކުރިން ރައީސް މައުމޫނާއި ދަރިކަލުން ފާރިސް ޖާބިރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިޔާނާ ވެސް ބައިވެވަޑައިގެންފައިވާ ކަމަށާއި، ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ގެކޮޅު، ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދެއްވުމަށް ވެސް ރައީސް މައުމޫން ހުށައެޅުއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ. ނަމަވެސް ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ބަސްފުޅު ފުދޭ ކަމަށް ވިދާޅުވެ، އެ ރަޖިސްޓްރީ ޖާބިރު ނަންގަވާފައި ނުވާ ކަމަށް ވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.

މިމައްސަލާގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ކުރިން ނެރުއްވި ބަޔާނުގައި ވަނީ އެމަނިކުފާނަށް 29 މިލިއަން ރުފިޔާ ދެއްވިކަމަށް ޖާބިރު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

ދިޔާނާ ފުލުހަށް ހުށައެޅުއްވި މައްސަލައިގައިވަނީ އެ ފައިސާ ރައީސް މައުމޫނަށް ލިބިވަޑައިނުގަންނަވާނަމަ، އެ ފައިސާ އަށް ފާރިސް ވަނީ ޚިޔާނާތްތެރިވެފައި ކަމަށެވެ. އަދި މި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކިވެސް ހުށަހަޅުއްވާނެ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ

މީގެ ކުރިން ވެސް ދިޔާނާވަނީ މިކަމާގުޅޭ ގޮތުން ސޯޝަލް މީޑިއާގައިވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން 2017 ވަނަ އަހަރު މެލޭޝިޔާގައި ރައީސް މައުމޫނާ ޖާބިރާ ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން ޖާބިރުގެ ފަރާތުން ކަންކަން ކުރެއްވުމަށް އެކަމަނާ އައްޔަން ކުރެއްވި ކަމަށާއި އަމާނާތްތެރި ކަމާއެކު ރައީސް މައުމޫނަށް ޖާބިރު ދެއްވި ފައިސާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މެދުވެރިކޮށް ޙަވާލުކޮށްފައިވާ ކަމަށާއި އަމާނާތްތެރިކަމުގެ އަގަކީ ރައީސް މައުމޫންގެ ސިޔާސީ މެޝިނަރީ ބޭނުންކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވައި ތެދު ބުނާ މީހާއަކީ ދޮގުބުނާ މީހާގެ ގޮތުގައި ތަމްސީލުކޮށް އެމީހާއަށް ފުރައްސާރަ ކުރިމަތި ކުރުންތޯ ދިޔާނާ ސުވާލު ކުރައްވާފައިވެ އެވެ.

ރައީސް މައުމޫން ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ޖާބިރުވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.

މައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދާއި ގ. ރަންހިރި، އައިމިނަތު ޝަބީބާ އެވެ.