ވޮޝިންޓަން (ސެޕްޓެމްބަރު 19) - އެމެރިކާގެ އަސްކަރީ ފްލީޓުގައި ހިމެނޭ 100 މިލިއަން ޑޮލަރުގެ އަގުހުރި އެންމެ ފަހުގެ ހަނގުރާމަމަތީ ފައިޓާ ޖެޓެއް ގެއްލިގެން އެ ހޯދަން އާއްމު ރައްޔިތުންގެ އެހީއަށް އެދުމުން ފާޑުކިޔަން ފަށައިފި އެވެ.

މެރިން ފައިޓާ އެޓޭކް ޓްރޭނިން ސްކޮޑްރަން 501 އަށް ނިސްބަތްވާ އެންމެ ޒަމާނީ FB-35B މަރުކާގެ ބޯޓު ގެއްލުނީ އާދިއްތަ ދުވަހު މެންދުރު ފަހު އެވެ. ސައުތު ކެރޮލީނާ މަތިން ދަތުރު ކުރަމުން ދިޔަ ޖެޓުގެ ޕައިލެޓް ވަނީ ވައިކުޑަ އަޅައިގެން ބޯޓުން ފުންމާލައިފަ އެވެ. ޕައިލެޓް ބޯޓު ދޫކޮށްލީ އޮޓޯޕައިލޮޓް މޯޑަށް ލައިފަ އެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް ޕައިލެޓުގެ ހާލު ރަނގަޅެވެ.

ބޯޓު ގެއްލުމާ އެކު އެ ބޯޓު ހޯދަން އާއްމުންގެ އެހީ އަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ އެދިފަ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ފައިޓާ ޖެޓެއް ގެއްލި، ވީނުވީ ތަނެއް ނޭނގުމުން އެކްސް (ކުރީގެ ޓްވިޓާ) ގައި ބައެއް މީހުން ވަނީ ހަޖޫ ޖަހައިފަ އެވެ.

ސައުތު ކެރޮލީނާގެ ރިޕަބްލިކަން ކޮންގްރެސް މެންބަރެއް ކަމަށްވާ ނޭންސީ މޭސް ވަނީ އެފް-35 ގެ ބޯޓެއް ގެއްލޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"ޓްރެކިން ޑިވައިސްއެއް އޭގައި ނެތީތޯ؟ އެކަމަކު އާއްމުންގެ ގާތު މި އަހަނީ އެ ބޯޓު ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.

ސްޓެލްޓް ޖެޓް ބޯޓަކަށްވީމާ އޭގެ ސެންސަރުތަކާއި ސިސްޓަމްތައް ޑިޒައިންކޮށްފައި ހުންނާނީ ދުޝްމަނުންގެ ރާޑަރުތަކަށް ނާރާ އޮޕަރޭޓްކުރެވޭ ގޮތަށެވެ.

ހަނގުރާމަތީ ބޯޓު ގެއްލި އެތައް ފާޑު ކިޔުމެއް އަމާޒުވެފައި ވަނިކޮށް އެންމެ ފަހުން އެ ބޯޓުގެ ބައިތައް މިއަދު ވަނީ ފެނިފަ އެވެ. ޖެޓް ފެނިފައި ވަނީ އެ ބޯޓު އެންމެ ފަހުން ދަތުރުކުރި ކަމަށް ފާހަގަކުރެވިފައިވާ ލޮކޭޝަނަށް ވުރެ މާ ދުރުންނެވެ.