ބޮލީވުޑްއަކީ ދޭދޭ ތަރިންގެ މެދުގައި ދުޝްމަންކަމާއި ރުޅިވެރިކަން އާއްމު ދާއިރާ އެކެވެ. އެގޮތުން މީޑިއާތަކުގެ ސަމާލުކަން ހޯދި އެއް ވާހަކައަކީ ކުޅަދާނަ ތަރި ސަލްމާން ޚާންއާއި ރަންބީރް ކަޕޫރުގެ ދެމެދުގައި އުފެދުނު ރުޅިވެރި ކަމެވެ.
މި ދެތަރިންގެ ރުޅިވެރިކަމުގެ އަސްލަކީ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަަމަވެސް އޭގެ މާ ކުރިން ދެމީހުންގެ މެދުގައި ދެބަސްވުމެއް ހިނގައި ސަލްމާން ރަންބީރުގެ މޫނުގައި ޖެހި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ ރަންބީރު އޭނާގެ އެންމެ ފުރަތަމަ ފިލްމު ސާވަރިޔާގެ ޝޫޓިން ކުރިއަށް ގެންދިޔަ ދުވަސްވަރު އެވެ. މުމްބާއީގެ ޕަބްއަކުން އެ ދެތަރިން ދިމާވެ ދެކެވުނު ވާހަކަތައް ހޫނުވުމުގެ ނަތީޖާއަކަށްވީ ސަލްމާން ރަންބީރްގެ މޫނުގައި ޖެހުމެވެ.
އެވަގުތު އެތަނުގައި ހުރި ސަންޖޭ ދަތުއާއި ބައެއް އެހެން ރަހުމަތްތެރިން އެ ތަޅާފޮޅުންގަނޑު ހުއްޓުވި ނަމަވެސް ދެތަރިންގެ މެދުގައި ރުޅިވެރިކަން އުފެދުނެވެ.
މިކަންތައް ބޮޑުވެ ބޮލީވުޑްގެ ނަންކިޔާ ދެ އާއިލާގެ ދެމެދުގައި ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށްޓަކައި ސަލްމާންގެ ބައްޕަ ސަލީމް ޚާން، ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ކިބައިން މައާފަށް އެދުނު ކަމަށް ބުނެވެ އެވެ.
ސަލްމާނާއި ރަންބީރުގެ މެދުގައި އޮތް ރުޅިވެރިކަން އަލުން އިތުރުވީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްއާ ރަންބީރު ލޯބީގެ ގޮތުން ގުޅުމުންނެވެ.
އަހަރުތަކުގެ ތެރޭގައި އެ ދެތަރިންގެ މެދުގައި އޮތް ރުޅިވެރިކަން ފަނޑުވެ ހަމައަކަށް އެޅުނު ނަމަވެސް މީޑިއާގައި މި އެ ވާހަކަތައް ދޭތެރެ ދޭތެރެއިން ދެކެވެ އެވެ.