ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރޭޝަނަށް ފޮނުވި 50،000 އަށް ވުރެ ގިނަ ފޯމުގެ ތެރެއިން ސައްހަކަން ކަށަވަރުނުވާ 11،000 އަށް ވުރެ ގިނަ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ޖުމްލަ 50،047 ފޯމު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރީ-ރެޖިސްޓާ ކޮށްދިނީ 38،763 ފޯމެވެ. ބާކީ 11،284 ފޯމު ވަނީ އެކި ސަބަބުތަކާ ހުރެ ރިޖެކްޓުކޮށްފައި ކަމަށް ހަބީބު ވިދާޅުވި އެވެ.

އޮންލައިންކޮށް 26،011 ފޯމު ހުށަހެޅިއިރު އޭގެތެރެއިން 5،109 ފޯމު ވަނީ ރިޖެކްޓްކޮށްފަ އެވެ. ފިޒިކަލްކޮށް ހުށަހެޅި 24،036 ފޯމުގެ ތެރެއިން ރިޖެކްޓު ކުރީ 6،175 ފޯމެވެ.

"އޮންލައިންކޮށް ސައްހަކަން ކަށަވަރުނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ފޮޓޯއިން މީހާ ކަށަވަރުނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓު ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން،" ހަބީބު ވިދާޅުވި އެވެ.

ފިޒިކަލްކޮށް ހުށަހެޅި ފޯމުގެ ސައްހަކަން ކަށަވަރުނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިންގަޕްރިންޓު ނެތުމާއި ހެކިންގެ މައުލޫމާތު ދިމާނުވުމާއި ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓު ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން ކަމަށް ހަބީބު ވިދާޅުވި އެވެ.

"ސައްހަކަން ކަށަވަރުނުވި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިނިން،" ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި 400 އަށް ވުރެ ގިނަ މީހުންނަށް އަލަށް ވޯޓުލެވެ އެވެ.