މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ގޯތިދޭނީ ކ. އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯސަން ޖަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިން ފިޔަވައި، މާލޭގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންގެ ތެރެއިން މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނާއި ދަފުތަރުގައި ޖެހިގެން އުޅޭތާ 20 އަހަރުވީ އެންމެނަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ސްކީމާ ގުޅޭ ތަފްސީލު ސަރުކާރުން މިރޭ އިއުލާން ކުރާނެ ކަމަށެވެ.

އުތުރު ތިލަފަޅުގައި ގާއިމްކުރާ ސިފައިންގެ ބަނދަރަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮތްތަނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަކީ ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަޅުން ގޯތި ދޭން ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެތަނުގައި ދިވެހިން ދިރިއުޅޭނީ، ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ރައީސް ވަނީ ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ.

ރައީސްގެ ކެމްޕޭން ޓީމާ ގުޅިވަޑައިގަތް ޖޭޕީގެ ބޭފުޅުން --- ފޮޓޯ: އެމްޑީޕީ

މިރޭގެ ޖަލްސާގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހީމާއި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ރައީސް ސޯލިހުގެ ކެމްޕޭނާ ގުޅިވަޑައިގަތެވެ.